18 Feb 2014, 22:07
ހދ. ކުޅުދުއްފުށިން ފުރައިގެން މާލެ އައުމަށް ދަތުރުކުރަމުން ދިޔަ ބޯޓެއްގެ ތެރޭގައި މީހަކު ވިހައިފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެބޯޓުގައި ވިހާފައިވަނީ ހއ. އިހަވަންދޫ ނޫރާނީގެ، ރުގިއްޔާ އިބްރާހިމް 35 އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ "ބަހާދަރު" ނަމަކަށް ކިޔާ ބޯޓުގައި އިން އަންހެނެއްގެ ބަނޑުގައި ރިއްސާ ކަމަށް ބުނެ ފުލުހުންނަށް މިރޭ ގާތްގަނޑަކަށް 19:55 އެހާކަންހާއިރު ރިޕޯޓްކޮށްފައިވާ ކަމަށާއި އެ އަންހެން މީހާ ވިހާފައިވަނީ މިރޭ 8:30 އެހާކަންހާއިރު ކަމަށެވެ.
ފުލުހުން ބުނީ އެމީހާ ވިހެއި އަންހެން ކުއްޖެ ކަމަށާއި އެ ދެމައިންގެ ހާލުވެސް ރަނގަޅު ކަމަށެވެ.
"ފުލުހުންގެ ލޯންޗެއްގައި ށ. ފުނަދޫ ހޮސްޕިޓަލަށް އެ ދެމައިން މިހާރު ވަނީ ގެންގޮސްފައި،" އޭނާ ވިދާޅުވި އެވެ.
އެ ބޯޓުން "ސަން" އާ ވާހަކަ ދެއްކި މީހަކު ބުނީ މިރޭ 8 ޖަހާއެހާކަންހާއިރު އެ އަންހެން މީހާގެ ބަނޑުގައި ރިއްސަން ފެށުމުން ބޯޓުގައި އެވަގުތު ތިބި އޭނާގެ ފިރިމީހާ އާއި އާއިލާގެ މީހުންގެ އިތުރުން ބައެއް އެހެން މީހުންގެ އެހީތެރިކަމާ އެ އަންހެން މީހާ ވިހާފައިވާ ކަމަށެވެ. އަދި އޭނާ ވިހެއުމުގެ ކަންތައްތައް އިންތިޒާމްކޮށްފައިވަނީ ބޯޓުގެ ނަމާދުކުރަން ހަދާފައި ހުންނަ ބައިގައި ކަމަށް އޭނާ ބުންޏެވެ.
"ރަށުގެ ހޮސްޕިޓަލުން ބުނި ކަމަށްވަނީ ތިން ދުވަސް ވާނެއޭ ވިހަން، އެހެންވެ އެމީހުން މާލެއަށް ވިހަންދާން ދަތުރުކުރަމުން ދިޔައީ، ދޯނީގައި ތިބި މީހުންގެ އެހީތެރިކަމާ އެކު ދުވަސްފުރާ އޮތް އަންހެން ކުއްޖެއް އޭނާ ވަނީ ވިހައިފައި،" އެމީހާ ބުންޏެވެ.