18 Feb 2014, 20:27
ދަނޑުވެރިކަމުގެ ދާއިރާ އަށް ޒުވާނުންގެ ޝައުގުވެރިކަން އުފެއްދުމަށް 22 މިލިއަން ރުފިޔާގެ ލޯން ސްކީމެއް ތައާރަފްކޮށް، އެ ލޯންސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލައިފި އެވެ.
ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ލޯނަށް އެދުމުގެ ފޯމް އަންނަ މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން ލިބޭނެ ކަމަށާއި އެ ލޯން ސްކީމް ބަހާލާފައި ވަނީ ތިން ކެޓަގަރީއަކަށް ކަމަށެވެ.
ފަރުދީ ފެންވަރުގައި ދަނޑުވެރިކަން ކުރަން ބޭނުންވާ މީހުންނަށް ދޫކުރާ އެ ލޯންސްކީމްގެ ފުރަތަމަ ކެޓަގަރީގެ ދަށުން ލޯން ދޫކުރަނީ ދަނޑުވެރިމުގައި ހަރަކާތްތެރިވާ ޖަމްއިއްޔާތަކަށެވެ.
އެ ކެޓަގަރީގައި ދޫކުރާ ތިން މިލިއަން ރުފިޔާގެ ލޯނަކީ ދަނޑުވެރިން އުފައްދާ ތަކެތި ރަށު ކޯޕަރޭޓިވް މެދުވެރިކޮށް ބާޒާރަށް ނެރެ ވިއްކޭނެ ވިއުގައެއް ގާއިމް ކޮށް، ކޯޕަރޭޓިވްސް މެދުވެރިކޮށް ދަނޑުވެރީންނަށް ބޭނުންވާ އާލާތްތައް ލިބުމުގައި ލުއިގޮތްތަކެއް ހަމަޖެއްސުމުމުގެ ބޭނުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޚާއްސަ އަދި ތައްޔާރީ ބާވަތްތަށް އުފެއްދުމަށް ދޫކުރަން ހަމަޖެހިފައި ވަނީ ހަތް މިލިއަން ރުފިޔާ ގެ ލޯނެއް ކަމަށެވެ. މިއީ ކޮންމެ ދަނޑުވެރި ރަށަކުން ތާޒާ ނުވަތަ ތައްޔާރީ އުފެއްދުންތައް ދަނޑުވެރި ސިނާއަތުން ބާޒާރަށް ނެރުމުގެ ސިޔާސަތުން ހުޅުވާލެވޭ ލޯނެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ކުޑަ ބިންކޮޅެއްގައި ޓެކްނޮލޮޖީ ބޭނުން ކޮށްގެން، ޒަމާނީ ދަނޑުވެރިކަން ތައާރަފް ކުރުމަށް ދޫކުރަނީ 12 މިލިއަން ރުފިޔާ ކަމަށާއި އެ ލޯންގެ 60 ޕަސެންޓް އަމާޒުކުރެވިފައި ވަނީ ޒުވާނުންނާއި އަންހެނުންނަށް ކަމަށް ޝަރީފް ވިދާޅުވި އެވެ.
އެ ލޯން ދޫކުރެވޭނީ ހަ ޕަސެންޓުގެ އިންޓްރެސްޓުގައި ފަސް އަހަރުގެ މުއްދަތަކަށް، ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކާ އެކު ކަމަށާއި އެ ލޯން ދޫކުރެވޭނީ 500،00ރ. އަށް ވުރެ ބޮޑުނުވާ ގޮތުގެމަތިން ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނީ ލޯނަށް އެދި ހުށަހަޅާ ފޯމް ބެންކް އެ ބޭންކްގެ ލައިޓް ބްރާންޗް ފިޔަވައި ރާއްޖޭގެ ހުރިހާ ބްރާންޗަކުން ލިބޭނެ ކަމަށެވެ.