ދިރާގުން ފޯރުކޮށްދެމުން ގެންދާ އޭޑީއެސްއެލް ބްރޯޑްބޭންޑް އިންޓަނެޓް ގޭގެއަށް ގުޅައިދިނުމަށް ނަގަމުން ގެންދިޔަ އަގު އެތައް ގުނައެއް މިއަދު އަގުހެކޮށްފި އެވެ.

ދިރާގުން ބުނީ، މިއަދުން ފެށިގެން އެ ކުންފުނީގެ އޭޑީއެސްއެލް ބްރޯޑްބޭންޑް އިންޓަނެޓް ގޭގެއަށް ލައިދިނުމުގައި ނަގަމުން އައި އަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

މަސައްކަތް ކުރާ ފޯނު ލައިނެއް ހުރި ތަނަކަށް ކުރިން އިންޓަނެޓް ގުޅައިދިނުމަށް 500ރ. ނަގަމުން ދިޔަނަމަވެސް މިހާރު އެއަގު 150ރ އަށް ހެޔޮކުރެވިފައިވާ ކަމަށް ދިރާގުން ބުންޏެވެ. އަދި އިމާރާތުގައި މަސައްކަތްކުރާ ކޭބަލެއް އަޅާފައި ހުރިނަމަ ކުރިން އިންޓަނެޓް ގުޅައިދިނުމަށް 1000ރ. ނެގި ނަމަވެސް މިހާރު ނަގަނީ 250ރ. ކަމަށް ދިރާގުން ބުންޏެވެ.

ކޭބަލް މުޅިން އަލަށް އަޅަން ޖެހުނު ކަމުގައިވިޔަސް ދިރާގު އޭޑީއެސްއެލް ގެ ހިދުމަތް ބޭނުން ކުރާތާ އަހަރުވެފައި ވާނަމަ އަދި އެންމެ ފަހުން އިމާރާތް ބަދަލު ކުރި ފަހުން ހަ މަސް ވެފައިވާނަމަ ކުރިން ނަގަމުންދިޔަ 1000ރ ގެ ބަދަލުގައި މިހާރު ނަގާނީ 500ރ. ކަމަށް ދިރާގުން ބުންޏެވެ.

ދިރާގު ސީނިއާ މާކެޓިންގް ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކްރިލޭޝަންސް އެގްޒެކެޓިވް އިމްޖާދް ޖަލީލް ވިދާޅުވީ، އިންޓަނެޓުގެ ހިދުމަތް ބޭނުންކުރާ ފަރާތްތައް މިހާރު ވަނީ އެތައް ގުނައެއް މައްޗަށްގޮސްފައި ކަމަށެވެ.

"ކޮންމެ ގެއެއްގަ ދިރިއުޅުއްވާ ބޭފުޅުންވެސް މިވަނީ އިންޓަނެޓުގެ ހިދުމަތައް ބަރޯސާވެފަ. ސްކޫލުކުދިންގެ ޕްރޮޖެކްޓުތައް ހެދުމަށާއި، ކިޔެވުމަށް އިތުރު މައުލޫމާތު ހޯދުމަށާއި، ކެއްކުމުގެ ރެސެޕީތަކާއި، ދުވަހު ހަބަރު ވިދާޅުވުމަށާއި، ސްމާޓް ޓީވީތަކުން ޔޫޓިއުބް ވީޑިއޯ ބެއްލެވުމާއި އަދިވެސް އިންޓަނެޓުގެ މައްޗަށް ބަރޯސާވެފައިވާ ކަންތައްތައް ކުރުން މިވަނީ އާންމުވެފައި،" އިމްޖާދު ވިދާޅުވި އެވެ.

އިމްޖާދު ވިދާޅުވީ، ގޭގެއަށް އިންޓަނެޓް ލައިދިނުމަށް ކުރަންޖެހޭ މަސައްކަތް ކިތަންމެ ބޮޑުވި ނަމަވެސް އެ ކުންފުނިން މަސައްކަތް ކުރަނީ އަބަދު ވެސް ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ރަނގަޅު ހިދުމަތެއް ފޯރުކޮށް ދިނުމަށެވެ.

"ދާއިމީގޮތަކަށް 50 ޕަސެންޓަށް ވުރެން ބޮޑު ޑިސްކައުންޓެއް ގެނައުމުގެ އިތުރުން ވަރަށް ހާއްސަ ޑިސްކައިންޓެއް ދިރާގު އޭޑީއެސްއެލް ބްރޯޑްބޭންޑް އިންޓަނެޓް އެއް އަހަރު ދުވަހު ގެންގުޅުއްވާފައިވާ ކަސްޓަމަރުންނަށް އެބަ ތައާރަފް ކުރަން،" އިމްޖާދު ވިދާޅުވި އެވެ.

ޑައުންލޯޑް ކުރުމަށާއި ބްރައުޒް ކުރުވުމަށް ހާއްސަކޮށްގެން ތަފާތު ގިނަ އިންޓަނެޓް ޕެކޭޖުތަކެއް ދިރާގުން ފޯރުކޮށްދެއެވެ. އޭގެ ތެރޭގައި ހައި ސްޕީޑް ނުވަތަ އަންލިމިޓެޑް ޕެކެޖާއި، ކިޔަވާ ކުދިންނަށް ހާއްސަ ހެޔޮއަގެއްގައި ދޫކުރާ ސްޓޫޑަންޓް ޕެކެޖުތަކާއި ބްރައުޒް ކުރުމަށާއި އީމެއިލް ކުރުމަށް ނުވަތަ ސޯޝަލް ނެޓްވޯކިން އާއި ގޭމިން ފަދަ ތަފާތު ކަންކަމަށް ބޭނުން ކުރެވިދާނެ ގޮތަށް ފަރުމާ ކުރެވިފައިވާ ޕެކޭޖުތައް ހިމެނެ އެވެ.