ހަތަރު ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް ބޮސްކާލިސް އިންޓަނޭޝަލްއާ ހަވާލުކޮށްފި އެވެ.

ބިން ހިއްކުމުގެ މަސައްކަތް ބޮސްކާލިސްއާ ހަވާލުކޮށްފައި ވަނީ ހައުސިން މިނިސްޓްރީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ބޮސްކާލިސްއާ މިއަދު ހަވާލުކުރީ، ދ. މީދޫ އާއި އެ އަތޮޅު ކުޑަހުވަދޫގެ އިތުރުން ބ. އޭދަފުއްޓާއި ކ. ތުލުސްދޫގެ ބިން ހިއްކުމުގެ މަސައްކަތް ކަމަށެވެ.

ސަރުކާރުގެ ބަޖެޓުން 570 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫގެ އަމަލީ މަސައްކަތް މި މަސް ނިމެންވާއިރަށް ފެށިގެންދާނެ ކަމަށާއި ހަ މަސް ނޫނީ އަށް މަސް ދުވަހުގެ ތެރޭގައި މުޅި މަސައްކަތް ނިންމާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ހަ މަހާއި އަށް މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ. ބިންހިއްކުމުގެ މަސައްކަތް ނިމުމުން ފަސް ގަނޑު ހިމާޔަތް ކުރުމަށް ލާންޖެހޭ ތޮށި ލުމުގެ މަސައްކަތް ލަސްތަކެއް ނުވެ ފެށިގެންދާނެ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ބިން ހިއްކުމުގެ ސަބަބުން އެރަށްތަކަށް ދިމާވެފައިވާ އާބާދީ ތޮއްޖެހުމުގެ މައްސަލަ އަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި މިއީ ސަރުކާރުން ކުރިއަށްގެންދަން ބޭނުންވާ އާބާދީ އާއި ތަރައްގީ އެއްފަސްކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މި ރަށްތަކަކީ އެތައް އަހަރެން ވަންދެން ބިން ހިއްކުމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ރަށްތަކެއް. މި ރަށްރަށުގެ ބިން އިތުރުވުމުން މި އިން ކޮންމެ ރަށެއްގައި ވެސް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގުމަށް މަގުފަހިވެގެންދާނެ. އަދި އާބާދީ ތޮއްޖެހިފައިވުމުގެ ސަބަބުން ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ވެސް މަގުފަހިވެގެންދާނެ،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދާއި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރުގެ އިތުރުން އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމްގެ ފަރާތުން ފެށުނީއްސުރެ އެ މަސައްކަތުގައި އެހީތެރިކަން ލިބިގެންދިޔަ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މީދު ދާއިރާގެ މެމްބަރު ސިޔާމް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ އަވަސް މުއްދަތެއްގައި ރައްޔިތުންނަށް ކަންތައްތައް ކޮށްދިނުމަށްކަން މިއަދު އެނގިގެން ހިނގައްޖެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ހަތަރު ރަށުގެ އިތުރުން ކުރިއަށް އޮތްތަނުގައި އެހެނިހެން ރަށްތަކުގެ ބިން ހިއްކުމުގެ މަޝްރޫއު ފެށިގެންދާނެ ކަމަށާއި ރައްޔިތުންގެ ހުވަފެންތައް މި ސަރުކާރުން ހަގީގަތަކަށް ހަދާނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އާމިރު ވަނީ ގައުމުގެ އިގްތިސޯދީ ހާލަތު ރަނގަޅުކުރުމަށް ރައީސް ޔާމީން ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފަ އެވެ.