18 Feb 2014, 17:45
ރާއްޖެ އަށް 4.5 ކިލޯއަށް ވުރެ ގިނަ ކޮކެއިން އެތެރެކުރަން އުޅުނު ފިލިޕީންސްގެ ރައްޔިތަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 38 އަހަރުގެ ފިލިޕީންސް އަންހެނެއް ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ދުބާއީ އިން މާލެ އައި ފްލައިޓަކުން އޭނާ އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާފޯޓަށް އައި ވަގުތު އެއާޕޯޓްގައި ހަރަކާތްތެރިވަމުން ދިޔަ ކަސްޓަމްސް އޮފިސަރުންނަށް އޭނާއާ މެދު ތުހުމަތު ކުރެވިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އޭނާގެ އަތުން މަސްތުވާތަކެތި ފެނިފައި ވަނީ ކަސްޓަމްސް އޮފިސަރުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާގެ ސޫޓްކޭސް ތެރޭގައި އޮތް ހަތަރު ފޮތަކާއި ހަތަރު ކަރުދާސްރޯލެއް އެކްސްރޭ މެޝިނުން ސްކޭން ކުރި އިރު އޭގައި އިތުރު އެއްޗެއް ފޮރުވާފައި ހުރި ކަމަށް ދައްކާތީ އެ ފޮތްތަކާއި ކަރުދާސްރޯލް ވަނީ އިތުރަށް ބަލައި ފާސްކުރުމުން ކަމަށެވެ.
މިތަކެތި ކަނޑައި ބެލި އިރު ވަކި ވަކިން ބަންދުކޮށްފައި ހުރި 8 ޕެކެޓެއްގެ ތެރެއިން ޖުމްލަ 4.5 ކިލޯ ގްރާމް އަށްވުރެ ގިނަ ކޮކެއިން ވަނީ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެމައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑްރަގް އެންފޯރސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަޙުގީގު ކުރަމުންނެވެ.