18 Feb 2014, 17:04
އައްޑޫ ސިޓީގެ ހުޅުމީދޫގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެހީވުމަށް "މީދޫ އެކުވެރިންގެ ޗެއިން" އާއި "މުލިމަތި ޔުނައިޓެޑް" އިން ހިންގި ފަންޑްރައިޒިން ހަރަކާތުން ލިބުނު ފައިސާ އަށް ހިޔާނާތްތެރިވީ މީހަކު ހުޅުމީދޫ ޕޮލިހުން ހައްޔަރުކޮށްފި އެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި އެ ފަންޑް ރައިޒިން ހަރަކާތުގައި ހޯދާފައިވާ 24،384ރ. އަށް ވީނުވީ އެއް ނޭންގިގެން ފުލުހުން ހައްޔަރު ކޮށްފައިވަނީ ގ. ބެރުގޭ، ޝަހީޒު އަބްދުﷲ އެވެ. އޭނާއަކީ މޯލްޑިވްސް ޑިސެބިލިޓީ ފެޑެރޭޝަނުގެ ފަރާތުން ހުޅުމީދޫގައި ހަރަކާތްތެރިވަމުން އަންނަ މީހެކެވެ.
ހުޅުމީދޫން ވާހަކަ ދެއްކި މީހަކު ބުނީ ހުޅުމީދޫގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ލިސްޓް ނެގުމަށްފަހު ފައިސާ ހަވާލުކުރުމަށް ޝަހީޒް އާއި ފައިސާ ހަވާލުކުރުމުން އެފައިސާ ކުދިންނާއި ހަވާލު ނުކޮށްގެން ސުވާލު ކުރަމުން ދަނިކޮށް ކުއްލި ގޮތަކަށް ފައިސާ ގެއްލިފައިވާ ކަމަށް އޭނާ ބުނެފައިވާ ކަމަށެވެ.
އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީވުމަށް ޑރ. އިބްރާހިމް ދީދީގެ އަތުންވެސް 10،000ރ. ޝަހީޒް ހޯދާފައި ވާކަމަށާއި ފައިސާ ހޯދުމަށް އައްޑޫ ސިޓީ ކައުންސިލަށް ވެސް ހުށައަޅާފައިވާކަމަށް ވެއެވެ.