މާލެ އަތޮޅު ކޮކޯ ތިލަކައިރިއަށް ޑައިވިން އަށް ގޮސް އުޅުނިކޮށް މީގެ ތިން ދުވަސް ކުރިން ގެއްލުނު ޖަރުމަންވިލާތުގެ ޓޫރިސްޓް މީހާ މޫދު އަޑީގައި މަރުވެފައި އޮއްވައިފެނިއްޖެ އެވެ.


އެމްއެންޑީއެފުން ބުނީ އުމުރުން 58 އަހަރުގެ ފިރިހެން މީހާ މިއަދު ހެނދުނު ފެނުނީ ކޮކޯތިލައިގެ ހުޅަނގު ފަރާތު އަޑިން ކަމަށެވެ. އަދި އެ މީހާ ފެނިފައި ވަނީ އެހިސާބަށް ޑައިވިނަށް ގޮސް އުޅުނު ބައަކަށް ކަމަށާއި ފެނުނު އިރު އޮތީ އޭނާ ޑައިވިން އަށް ފޭބި އިރުލީ ޑައިވިން ޝޫޓާ އެކު ކަމަށެވެ.


އަދި އޭނާ ފެނުނު އިރު މަސްތައް އޭނާގެ ހަށިގަނޑު ކަމުން ދިޔަ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.


އެމީހާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.


އެ ފިރިހެން މީހާ ގެއްލިފައި ވަނީ ކޮކޯ އައިލެންޑް ރިސޯޓުގެ އިރުދެކުނުން އޮންނަ ކޮކޯތިލަ ކައިރިއަށް ޑައިވަށް ފޭބި ގޮތަށެވެ. އޭނާ އަކީ ކ. ފިހާޅޮހި އައިލެންޑް ރިސޯޓްގެ 19 ގެސްޓުންގެ ތެރެއިން ޑައިވިނަށް ގޮސް އުޅުނު ގެސްޓެކެވެ.