ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ހުށަހަޅާ މައްސަލަތައް ކްރިމިނަލް ކޯޓުން ބަލައިގަތުމަށް އެ ކޯޓުގެ މައްޗަށް ސުޕްރީމް ކޯޓުން އަނެއްކާ ވެސް އަމުރުކޮށްފި އެވެ.

އުއްތަމަފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން ސޮއި ކުރައްވައި މިއަދު ނެރުއްވި އަމުރުގައި ބުނެފައި ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅައި މިހާރު ހިނގަމުންދާ މައްސަލަތައް ކުރިއަށް ގެންދިއުމަށާއި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ކްރިމިނަލް ކޯޓުން ބަންދާ ގުޅިގެން ނެރޭ އަމުރުފަދަ ޟަރޫރީ ކަންތައްތައް ކުރިއެކޭ ވެސް އެއްގޮތަށް ކުރިއަށް ގެންދިއުމަށެވެ.

ރޭގަނޑުގެ ވަގުތުތަކުގައި ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު ކުރިން ޖަހައި ދެމުން ގެންދިޔަ ނަމަވެސް، މިހާރު ބަންދާމެދު ގޮތް ނިންމަނީ ރަސްމީ ގަޑީގަ އެވެ. ބަންދުގެ މުއްދަތު ރޭގަނޑުގެ ވަގުތުތަކުގައި ޖަހައިދިނުން އެ ކޯޓުން ހުއްޓާލީ އިތުރު ގަޑީގެ ފައިސާ ނުދޭތީ އެވެ.

ޕީޖީން ކުރާ ދައުވާތަކުގެ ޝަރީއަތްތައް ފެށުމަށް ކްރިމިނަލް ކޯޓުގެ މައްޗަށް މިއަދު އަމުރު ކުރިއިރު، މި މަހުގެ ހަ ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ އެފަދަ އަމުރެއްކޮށްފަ އެވެ. އެ ދުވަހު ސުޕްރީމް ކޯޓުން ކުރި އަމުރުގައި ބުނެފައި ވަނީ ކްރިމިނަލް ކޯޓާއި ޖިނާއީ މައްސަލަތައް ބެލުމުގެ އިހްތިސޯސް ލިބިގެންވާ ކޯޓުތަކަށް ޕީޖީ އޮފީހުން ހުށަހަޅާ މައްސަލަތައް ހުއްޓުމެއް ނެތި ހަމަޖެހިފައިވާ އުސޫލުން ބަލައިގަނެ ކުރިއަށް ގެންދިއުމަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމް ހުސްވެފައި ވަނީ އެމަގާމުގައި ހުންނެވި އަހްމަދު މުއިއްޒު އިސްތިއުފާދެއްވުމުންނެވެ. އެމަނިކުފާނު އިސްތިއުފާދެއްވީ އެމްޑީޕީގެ އެމަނިކުފާނުގެ އިތުބާރުނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަޅައި ވޯޓު ނަގަން އުޅެނިކޮށެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މައުމޫން ހަމީދު އެ މަގާމަށް އައްޔަން ކޮށްދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފަ އެވެ. ނަމަވެސް މަޖިލީހުން އެކަމާ މެދު މިއަދާހަމައަށް ވެސް ގޮތެއް ނިންމާފައެއް ނުވެ އެވެ. ޕީޖީގެ ނަންފުޅު ދިރާސާ ކުރާ މިނިވަން މުއައްސާތަކުގެ ކޮމެޓީ ހުއްޓިފައި ވަނީ ޕާޓީތަކު ހިލާފުތަފާތުވުންތައް ބޮޑުވެގެންނެވެ.