ރައްޖެއަށް އަހަރެއްގެ ތެރޭގައި ގިނަ އަދަދެއްގެ ޑޮލަރު ލިބޭ ކަމަށާއި އެހެން ނަމަވެސް އޭގެ ބޮޑުބައެއް ހޭދަވަނީ، ރާއްޖެއަށް އެތެރެކުރާ ތަފާތު ބާވަތްތަކުގެ މުދާ ގަތުމަށް ކަމަށް މަޒުކަޒީ ބޭންކު (އެމްއެމްއޭ)ގެ އެސިސްޓެންޓް ގަވަރުނަރު ޑރ. އަޒީމާ އާދަމް ވިދާޅުވެއްޖެ އެވެ.

އެމްއެމްއޭއިން އިއްޔެ އާންމުކުރި "ކުއާޓަލީ ބިޒްނަސް ސާވޭ" ނެރުމަށް އިއްޔެ ބޭއްވި ފޯރަމެއްގައި މައުލޫމާތު ދެއްވަމުން ޑރ. އަޒީމާ ވިދާޅުވީ، ރާއްޖެއަށް އަހަރެއްގެ ތެރޭގައި ދެ ބިލިޔަނެއްހާ ޑޮލަރު ވަންނަ ކަމަށާއި އެހެން ނަމަވެސް އޭގެ ތެރެއިން ގާތްގަނޑަކަށް 1.5 ބިލިޔަން ޑޮލަރު ހަރަދުކުރަން ޖެހެނީ ރާއްޖެއަސް ބޭނުންވާ ތަފާތު ބާވަތްތަކުގެ މުދާ އިމްޕޯޓު ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްއެމްއޭގެ ޗީފް އިކޮނޮމިސްޓް، މަނިޓަރީ ޕޮލިސީ، ރިސާޗް އެންޑް ސްޓެޓިސްޓިކްސް ކަމުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ، އަދި ގަވަރުނަރުގެ މަގާމަށް ހަމަޖެއްސުމަށްރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ޑރ. އަޒީމާ ވިދާޅުވީ، ޑޮލަރުގެ ދަތިކަން ހައްލުކުރުމަށްޓަކައި ރާއްޖެއަށް އެތެރެވާ ޑޮލަރު ރާއްޖޭގެ އިގްތިސާދުގެ ތެރޭގައި ހިފެހެއްޓޭނެ ގޮތްތަކެއް ހޯދަން ޖެހިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ލިބޭ ޑޮލަރުގެ ބޮޑުބައެއް މިގޮތަށް ބޭރަށް ދަންޏާ ޑޮލަރުގެ ތާށިކަން އަންނާނެ. އެހެން ކަމުން އަޅުގަނޑުމެންގެ އިގްތިސާދުގެ ތެރޭގައި ޑޮލަރު ހިފެހެއްޓޭނެ ގޮތްތަކެއް ހޯދަންވީ،" ޑރ. އަޒީމާ ވިދާޅުވި އެވެ.

ތައުލީމީ ދާއިރާއާއި ފަތުރުވެރިކަން އަދި އިމާރާތްކުރުންފަދަ ބޮޑެތި ސިނާއަތްތަކުގައި ގިނައަދަދެއްގެ ބިދޭސީން ވަޒީފާތަކުގައި ހަރަކާތްތެރިވަމުންދާއިރު، އެއީވެސް ރާއްޖެއަށް ލިބޭ ބޭރުފައިސާ ބޭރަށް ދާން މެދުވެރިވާ ސަބަބެއް ކަމަށް ޑރ. އަޒީމާ ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ، ބިދޭސީ މަސައްކަތްތެރިންގެ މުސާރައިގެ ގޮތުގައި ވެސް ގިނަ އަދަދެއްގެ ޑޮލަރު ރާއްޖެއިން ބޭރުވާ ކަމަށާއި އަދި އެކަން ހައްލުކުރުމަށް، އެފަދަ މަސައްކަތްތެރިކަމުގެ މުހިއްމު ސިނާއަތްތަކަށް ތަމްރީނު ލިބިފައިވާ ދިވެހިން އުފެއްދުމަކީ އިގްތިސާދު ހަރުދަނާ ކުރުމަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ.