18 Feb 2014, 15:56
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަކު ނެތި ގިނަ ދުވަސްތަކެއް ވަމުންދާތީ އަދުލި އިންސާފުލިބުމުގައި ރައްޔިތުންގެ ހައްގަށް ބުރޫ އަރަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފި އެވެ.
އެޗްއާރުސީއެމުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ޕްރޮސެކިއުޓާ ޖެނެރަލަކީ ޖިނާއީ ކުށްތަކާ ގުޅިގެން ރާއްޖޭގައި ކުރާ އެންމެހާ ދައުވާތަކާ ބެހޭ ކަންކަން ބަލަހައްޓާ ދައުލަތުގެ ފަރާތުން ދައުވާ ކުރާ ފަރާތް ކަމުގައިވާއިރު ޕީޖީއަކު ނެތި ގިނަ ދުވަސްތަކެއް ވަމުންދާތީ އެ ކޮމިޝަނުން އެ ކަމާ ކަންބޮޑުވާ ކަމަށެވެ.
"ޖިނާއީ މައްސަލަތަކަށް އަދުލު އިންސާފު ހޯދުމަށް ހުރަސްއެޅި ލަސްވަމުން ދިއުމަކީ އެތައް ބައެއްގެ ހައްގުތަކެއް ގެއްލިގެންދާނެ ކަމެއް ކަމަށް މޮ ކޮމިޝަމުން ދެކެން،" އެ ނޫސްބަޔާނުގައިވެ އެވެ.
އެޗްއާރުސީއެމުން ވަނީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތައް ރައްޔިތުންނަށް ލިބިދިނުމަށްޓަކައި ގާނޫނު އާސާސީ އާއި ގާނޫނުތަކުގެ ބާރުވެރިކަން ނަގަހައްޓަކައި ދެމެހެއްޓުމަށްޓަކައި ދައުލަތުގެ ތިން ބާރުން ވެސް މަސައްކަތް ކޮށްދިނުމަށް އިލްތިމާސްކޮށްފަ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ވެސް އަވަސްކޮށްދިނުމަށް އެޗްއާރުސީއެމުން ވަނީ ގޮވާލައިފަ އެވެ.
ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ގާނޫނުގައި ދީފައިވާ މުއްދަތު މިހާރު ވަނީ ފަހަނައަޅައިގެން ގޮސްފަ އެވެ. އެކަމާ ގުޅިގެން ސުޕްރީމް ކޯޓުން ވެސް ވަނީ ވީހާ ވެސް އަވަހަކަށް އެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަށް އަމުރު ވެސް ކޮށްފަ އެވެ.
ޕީޖީގެ މަގާމަށް އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ މައުމޫން ހަމީދުގެ ނަންފުޅު މަޖިލީހަށް ފޮނުއްވައިފަ އެވެ. ނަމަވެސް މަޖިލިސް ޗުއްޓީގައި އޮތުމާ އެކު އެ ނަންފުޅު ފާސްކުރުމާ މެދު އަދި ކޮމިޓީން ވަކިގޮތެއް ނުނިންމަ އެވެ.