"ތާޒާ" ފެން ހުސްކުރާ ފުޅި ރިސައިކަލްކޮށް އަލުން ބޭނުންކުރުމަށް ހިންގަމުން އަންނަ ޕްރޮގްރާމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ފެންކުންފުނިން ބުނެފި އެވެ.

މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އިން މިއަދު ބުނީ އެކުންފުނީގެ ސަބްސިޑަޔަރީ ކުންފުންޏެއް ކަމަށްވާ އައިލެންޑް ބިވަރޭޖަސް މޯލްޑިވްސް ( އައިބީއެމް) އިން އުފައްދާ "ތާޒާ" ބްރޭންޑްގެ ފެން ހުސްކުރާ ފުޅިތައް ރިސައިކަލް ކުރުމުގެ އާ ފިޔަވައްސެއް މިއަދު ފަށާފައިވާ ކަމަށެވެ. އަދި ބުނީ އެކަން ކާމިޔާބުކަމާ އެކު ކުރިއަށް ގެންދެވޭނީ ރައްޔިތުން އެމީހުންގެ ފަރުދީ ޒިންމާ އަދާކޮށްގެން ކަމަށެވެ.

"... ގައުމު ސާފު، ރީތި ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް އަޅުގަނޑުމެން މިދަނީ ނުހަނު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަޅުގަނޑުމެންގެ މިޕްރޮގްރާމް ކާމިޔާބުކަމާ އެކީ ކުރިއަށް ގެންދެވޭނީ ފަރުދުން އެބައެއްގެ ޒިންމާ ނަގައި، ފުޅިތައް ރައްދުކޮށްދެއްވުމުގެ މުހިއްމު ދައުރު އަދާކުރެވިގެން ކަން ޔަގީނެވެ،" ފެންކުންފުނިން މިއަދު ނެރުނު ބަޔާނެގައި ވެއެވެ.

ބަޔާނުގައި އަދި ބުނެފައި ވަނީ އައިބީއެމްއާއި އެމްޑަބްލިއުއެސްސީގެ އެ މަސައްކަތުގައި އައްމިލަ ފަރާތްތަކާއި ސަރުކާރުގެ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

ތާޒާ ފެން ހުސްކުރާ ފުޅި ރިސައިކަލް ކުރުމުގެ ޕްރޮގްރާމް މިދިޔަ އަހަރުގެ ޖޫން މަހުގެ ފަސް ވަނަ ދުވަހު (ދުނިޔޭގެ ތިމާވެށީގެ ދުވަހު) ފެށީ "ފެހި މާދަމާއަކަށް ފަރުދީ ޒިންމާ" މިޝިއާރުގެ ދަށުންނެވެ.

އެމްޑަބްލިއުއެސްސީން ބުނީ ހުސްފުޅި ރިސައިކަލް ކުރުމުގެ ދެވަނަ ފިޔަވަހީގައި ރައްދުކުރާ ކޮންމެ ފެންކޭހަކަށް އެއް ރުފިޔާގެ ޑިސްކައުންޓެއް ދޭނެ ކަމަށެވެ. އަދި ބުނީ އެގޮތުން ދޭ ޑިސްކައުންޓް ޖެހިގެން އަންނަ ޑެލިވަރީގައި ލިބޭނެ ކަމަށެވެ.

ފެނާއި އެނޫންވެސް ބުއިންތައް ހުސްކުރާ ޕްލާސްޓިކް ފުޅިތަކަކީ މާލެއާއި އަތޮޅުތަކުގައި އުފެދޭ ކުނީގެ ބޮޑުބަޔަކަށް މިހާރު ވަނީ ވެފަ އެވެ. އެގޮތުން ރަށްރަށުގެ ގޮނޑުދޮށްތަކާއި މާލޭގެ މަގުތަކުން ގިނަ އަދަދެއްގެ ހުސްފުޅި ފެނެއެވެ.