18 Feb 2014, 14:51
މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާތަކާ އެކު މ. ޒިލިއަން ގެއިން ހައްޔަރުކުރި ހައްޔަރު ކުރި މީހެއްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފައި ވަނީ ރަނގަޅަށް ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.
ހައިކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ޒިލިއަން ގެއިން ހައްޔަރު ކުރި ފާތިމަތު މާޔާ ޚަލީލުގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރު ކުރީ ޝަރުއީ އަދި ގަނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބަލާނެ ތަނެއް ނެތް ކަމަށެވެ.
އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައި ވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ކުށް ކަމަށްވާއިރު އެކުށަކީ ޖިނާއަތުގެ އެންމެ މަތީ ދަރަޖައިގައި ހިމެނޭ ކުށެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށް ހައިކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ. އެހެންކަމުން އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވުމުގެ ފުރުސަތު އެބައޮތް ކަމަށް ހައިކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ.
ޒިލިއަންގެއިން ފުލުހުން ހައްޔަރު ކުރި އެންމެންގެ ބަންދުގެ މުއްދަތު ވެސް ކްރިމިނަލް ކޯޓުން ވަނީ އިތުރުކޮށްފަ އެވެ. އޭގެތެރޭގައި މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް މީގެކުރިން ހުކުމް ކޮށްފައިވާ މީހެއް ވެސް ހިމެނެއެވެ.