ނެޝެނަލް ޑްރަގް އެޖެންސީ އެންޑީއޭގެ ސީއީއޯ ކަމުގެ މަގާމަށް ރިޓަޔާޑް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުނީރު އައްޔަން ކުރައްވައިފި އެވެ.

އެ ބޯޑުގެ ސީއީއޯގެ މަގާމަކީ ބޯޑުން އައްޔަން ކުރާ މަގާމެކެވެ.

އެންޑީއޭ އިން ބުނީ އެ ބޯޑުގެ ސީއީއޯގެ މަގާމަށް މުނީރު ހަމަޖައްސާފައި ވަނީ މިދިޔަ އަންގާރަ ދުވަހު ބޭއްވި ބޯޑު މެމްބަރުންގެ ބައްދަލުވުމުގައި ކަމަށެވެ. މުނީރު އޮފީހަށް ނުކުމެވަޑައިގެންނަވަން ފަށާފައި ވަނީ މިދިޔަ ބުރާސްފަތު ދުވަހުން ފެށިގެންނެވެ.

މަސްތުވާތަކެތީގެ އަވާގައި ޖެހިފައި ތިބި ޒުވާނުން ރިހެބިލިޓޭޓްކޮށް މުޖުތަމައުއަށް ބޭނުންތެރި ބަޔަކަށް ހެދުމަށް ޓަކައި ފުލުހުންނާއި ނޭޝަނަލް ޑްރަގް އެޖެންސީއާ (އެންޑީއޭ) ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުން މުނީރު ވަނީ އިއްޔެ ޕޮލިސް ކޮމިޝަނާ ހުސެއިން ވަހީދާ އިއްޔެ ބައްދަލުކުރައްވައިފަ އެވެ.

ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާޒް ސެކްރެޓަރީ އާއިޝަތު ބިޝާމާއި ހޯމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ހާމިދު ޔޫސުފާއި ޔޫތު މިނިސްޓަރުގެ ނައިބު ނާއިފް ޝައުކަތާއި އެޑިޔުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތު އައްޒަ އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ލެފްޓިނަންޓް ކާނަލް ޑރ. އަލީ ޝާހިދު މުހައްމަދާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް މުހައްމަދު ރަޝީދާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނަރު އޮފް ކަސްޓަމްސް އާމިނަތު ރަޝީދާއާއި ޑެޕިއުޓީ ކޮންޓްރޯލަރު އޮފް އިމިގްރޭޝަން އަބްދުﷲ ވަހީދާއި މަސްތުވާ ތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ އަމިއްލަ ޖަމާއަތެއް ކަމަށްވާ ޖަނީ އިން މުހައްމަދު ޒުބައިރެވެ.