18 Feb 2014, 13:44
މަސްތުވާތަކެތި ގެންގުޅުނު މީހަކު 13 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
އެ ހުކުމް ކޮށްފައި ވަނީ ގ.ބްލޫލެގޫން އަހްމަދު އަޔާޒު މުހައްމަދު ޒާހިރު،32، ގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ދެ ހުކުމެއް ކޮށްފައިވާއިރު، ފުރަތަމަ ކުރި ހުކުމްގައި ބުނެފައި ވަނީ 2010 ޑިސެމްބަރު 26 ވަނަދުވަހުގެ ރޭ 9:58 އެހައިކަންހާއިރު ގ.ބްލޫލެގޫން ގޭގެ ފާހާނާއެއްގެ ތެރެއިން މަސްތުވާތަކެތި އަޅާފައި ހުރި ދެ ރަބަރު ޕެކެޓް ފެނިފައިވާކަން އޭނާގެ އިއުތިރާފުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ. ފުލުހުން ފާޚާނާ ތެރެއަށް ވަތް އިރު އަޔާޒު އެތަނުގައި ހުރި ކަމަށް އޭނާ އިއުތިރާފުވެފައިވާ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.
އޭނާގެ މައްޗަށް ކުރި ދެވަނަ ހުކުމްގައި ބުނެފައި ވަނީ 2011 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ފަތިހު 4:00 އެހައިކަންހާއިރު ވައްކަމުގެ މައްސަލައެއްގައި ގ.ބްލޫލެގޫން ގެއަށް ފުލުހުން ވަދެ ބަލައި ފާސްކުރިއިރު އެގޭ ފާހާނާތެރޭގައި އަޔާޒު ވެއްޓިފައި އޮތް އިރު އޭނާ ކައިރިން މަސްތުވާތަކެތި އަޅާފައި ހުރި ރަބަރު ޕެކެޓް ފެނިފައިވާކަން އޭނާގެ އިއުތިރާފުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.