ސިވިލް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާ ހިލާފުވެވަޑައިގެންފައިވޭތޯ ޖުޑިޝަލް ސާވިސް ކޮމިޝަނުން ބަލަން ފަށައިފި އެވެ.

ޖޭއެސްސީން މި މައްސަލަ ބަލަން ފަށައިފައި މިވަނީ މިދިޔަ ހުކުރު ދުވަހު ހޭޔަންބޯގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ވަޑައިގެން އެ ޕްރޮގްރާމްގައި ޝުޖޫން ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެންނެވެ. އެ ޕްރޮގްރާމްގައި ޝުޖޫން ވަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއް ވަކިގޮތަކަށް ނިންމައި ދިނުމަށް އެދި މީހަކު އެކަމަނާ އަށް ފަސް މިލިއަން ޑޮލަރުގެ ރިސްވަތް ދޭން މަސައްކަތް ކުރި ކަމަށެވެ. އަދި އެފަދަ އޮފާސްތައް އަންނަންޔާ ހިފާނެ ބަޔަކު ނުހުންނާނެ ކަމަށް ގަބޫލްފުޅު ނުކުރެއްވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖޭއެސްސީގެ މީޑިއާ ކޯޑިނޭޓަރު ހަސަން ޒަހީނު މިއަދު ސަންއަށް ވިދާޅުވީ އެ މައްސަލަ ޖޭއެސްސީގެ ލީގަލް ސެކްޝަނުން ދިރާސާކުރަން ފަށައިފައި ވަނީ މީޑިއާތަކުގައި އެވާހަކަތައް އައި ހިސާބުން ފެށިގެން ކަމަށެވެ. ކޮމިޝަނުން އެ މައްސަލަ ބެލުމަށް ނިންމާނީ ލީގަލް ސެކްޝަންގެ ރިޕޯޓް ބެލުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ލީގަލް ސެކްޝަނުން ބެލުމަށް ފަހު އެކަމާ ބެހޭ ރިޕޯޓެއް ހުށަހަޅާނެ ކޮމިޝަނަށް، އެ ރިޕޯޓް ބެލުމަށް ފަހު ކޮމިޝަނުން ނިންމާނީ ޝުޖޫން ފަނޑިޔާރުންގެ ސުލޫކާ ހިލާފަށް އެއްވެސް ވާހަކަފުޅެއް ދައްކަވާފައިވޭތޯ،" ޒަހީން ވިދާޅުވި އެވެ.

ސިވިލް ކޯޓުގެ ގާޒީ އައިޝާ ޝުޖޫން މުހައްމަދަށް ރިޝްވަތުދޭން އުޅުނު މައްސަލަ އެންޓި ކޮރަޕްޝަންސް ކޮމިޝަނުން ވެސް ގެންދަނީ ތަހުގީގު ކުރަމުންނެވެ.