ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނަ ވެލާނާގޭ އޮފީސް އިމާރާތުގެ ފެން ހޮޅިއެއް ފަޅައިގެން ގޮސް އެ އިމާރާތުގެ ދެ ފަންގިފިލައެއްގައި ފެންބޮޑުވެއްޖެ އެވެ.


ފެން ހޮޅި ފަޅައިގެން ދިޔުމުގެ ސަބަބުން އެޑިޔުކޭޝަން މިނިސްޓްރީ ހިންގާ ބައިގެ ކޮމްޕިއުޓަރުތަކާއި އެ ނޫން ވެސް ވަރަށް ގިނަ ސާމާނުތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް އެ މިނިސްޓްރީން މިއަދު ބުންޏެވެ.


ވެލާނާގޭ އޮފީސް އިމާރާތް ބެލެހެޓުމާ ހަވާލުވެ ހުންނެވި ހައުސިން މިނިސްޓްރީގެ ސީނިއާ ސުޕަވައިޒަރު މުހަންމަދު ސަލީމް މިއަދު ވިދާޅުވީ، މިއަދު ހެނދުނު އެ އިމާރާތުގެ ފެންހޮޅިއެއް ފަޅައިގެން ގޮސް، އިމާރާތުގެ އަށް ވަނަ ފަންގިފިލަ އާއި ނުވަ ވަނަ ފަންގިފިލާގައި ފެންބޮޑުވެފައިވާ ކަމަށާއި އެ ދެ ފަންގިފިލާގައި ހުރި ކޮމްޕިއުޓަރުތަކާއި އެ ނޫން ބައެއް ސާމާނުތަކަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާ ކަމަށެވެ. އަދި އެ ނޫން ފަންގިފިލާތަކަށް ވެސް ފެނުގެ އަސަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.


ސަލީމު ވިދާޅުވީ ފެންހޮޅި ފަޅައިގެން ދިޔުމުގެ ސަބަބުން އަށް ވަނަ ފަންފިގިފިލަ އާއި އަދި ނުވަ ވަނަ ފަންގިފިލާގެ ސީލިން މުޅިން ކަހަލަ ގޮތަކަށް ހަލާކުވެފައިވާ ކަމަށެވެ.


"އަޅުގަނޑަށް އެ މައުލޫމާތު ލިބިގެން މިކޮޅަށް އައިރު ހުރީ ފެންބޮޑުވެފައި. ގާތްގަނޑަކަށް ތަބިކައްޓާ ހިސާބަށް ކާޕެޓްތައް މަތީ ފެންބޮޑުވެފައި ހުރީ،" ސަލީމް ވިދާޅުވި އެވެ.


އޭނާ ވިދާޅުވީ، އެ އިމާރާތް ހެދި އަމީން ކޮންޝްޓުރަކްޝަންއާ ގުޅިގެން އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ކަމަށާއި ފަޅައިގެން ދިޔަ ހޮޅި މިހާރު ވަނީ ބަންދުކޮށްފައި ކަމަށެވެ.


އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ އިބްރާހިމް ޝިހާމް މިއަދު ވިދާޅުވީ އެ މިނިސްޓްރީގެ އެއް ސެކްޝަނަށް ވަރަށް ބޮޑަށް ފެނުގެ އަސަރުކޮށް އެތަނުގައި ހުރި ސާމާނުތައް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ވާކަމަށެވެ.


"މިތަނުގައި މާދަމާ ކިހިނެއް މަސައްކަތެއް ވެސް ކުރާނީ. ހޮޅިތަކުން ފެންހުސްކޮށްގެން މި ކަން ވާނީ،" ޝިހާމް ވިދާޅުވި އެވެ.


އަމީން ކޮންސްޓުރަކްޝަންގެ ސުޕަވައިޒާ މުހަންމަދު ޝިހާމް މިއަދު ވިދާޅުވީ ފެންހޮޅި ފަޅައިގެން ދިއުމަށް މެދުވެރިވީ މާ ޕުރެޝަރުގައި ހޮޅިތަކުން ފެން ދޫކޮށްފައި ހުރުމުން ކަމަށާއި މާދަމާ އޮފީސް ހުޅުވެންވާއިރަށް އެ އިމާރާތުގައި މަސައްކަތް ކުރެވޭ ވަރަށް އެކަންކަން ރަނގަޅު ކުރާނެ ކަމަށެވެ.


"އަޅުގަނޑުމެން މާދަމާ އޮފީސް ހުޅުވެންދެން މަސައްކަތް ކުރާނަން އެކަން ހައްލު ކުރުމަށް. އަޅުގަނޑު ޔަގީންކަން އަރުވަން މާދަމާ އޮފީސްތަކުގައި މަސައްކަތް ކުރެވޭނެ ކަމުގެ." ޝިހާމް ވިދާޅުވި އެވެ.


ސަން އޮންލައިންގެ ނޫސްވެރިން އެތަނަށް މިއަދު ހެނދުނު ދިޔައިރު ވެސް ވަރަށް ގިނަ ބިދޭސީން ފަންގިފިލާތަކުން ފެން ހުސްކުރުމަށް މަސައްކަތް ކުރަމުންދިޔަ މަންޒަރު ފެނިފައިވެ އެވެ. އަދި ހުރިހާ ފަންގިފިލައެއްގެ ތަޅުމަށް ފެނުގެ އަސަރު ކޮށްފައި ހުއްޓެވެ.


ވެލާނާގެ އިމާރާތް ރަސްމީކޮށް ހުޅުވާ ދެއްވާފައި ވަނީ މި އަހަރުގެ ޖުލައި 26 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދެވެ. އެ އިމާރާތުގައި ސަރުކާރުގެ ވަރަށް ގިނަ މިނިސްޓްރީތަކާއި އޮފީސްތައް ހިންގަ އެވެ.