އަމިއްލަ ގައުމުގެ އާޓިސްޓުންނަށް ފުރުސަތު ނުދޭ ކަމަށް ބުނެ، އެމެރިކާގެ ފްލޮރިޑާގެ މައުރަޒެއްގައި ބަހައްޓާފައި ހުރި އެއް މިލިޔަން ޑޮލަރުގެ އަގުހުރި "ގުޅި"އެއް އެގައުމުގެ އާޓިސްޓަކު ތަޅާލައިފި އެވެ.

ފްލޮރިޑާގެ މިއާމީގައި ހުންނަ "ޕެރޭޒް އާޓް މިއުޒިއަމް"ގައި ޗައިނާގެ މަޝްހޫރު އާޓިސްޓެއް ކަމަށްވާ، އައި ވެއިވެއިގެ ފަންނީ އުފެއްދުންތައް ދައްކާލުމަށް، ކުރިއަށް ގެންދާ މައުރަޒަށް ޒިޔާރަތްކުރި އުމުރުން 51 އަހަރުގެ މެކްސިމޯ ކެމިނެރޯ، އެ މައުރަޒުގައި ބަހައްޓާފައި ހުރި އެއް މިލިޔަން ޑޮލަރުގެ އަގުހުރި "އައި ވެއިވެއި ވާސް" ތަޅާލުމުން އޭނާގެ މައްޗަށް ވަނީ، ޖިނާއީ ދައުވާ އުފުލައިފަ އެވެ.

ފްލޮރިޑާގެ ފުލުހުންނާ ހަވާލާދީ ކެމެއިނޯ ބުނި ކަމަށް ބީބީސީގައި ބުނެފައި ވަނީ، އޭނާ އެކަންކުރީ، އެ ދާރުލްއާސާރުން އެތަނުގެ ރައްޔިތުންނަށް އެފަދަ ފުރުސަތުތައް ތަނަވަސްކޮށް ނުދޭތީ އެކަމާ އިހްތިޖާޖުކުރުމުގެ ގޮތުން ކަމަށެވެ.

ޕެރޭޒް އާޓު މިއުޒިއަމްގެ ފާރަވެރިޔަކު ފުލުހުންނަށް ކިޔައިދިން ގޮތުގައި، ބިންމަތީގައި ބަހައްޓާ ކަހަލަ ކުލަޖައްސައި ޒީނަތްތެރިކޮށްފައިވާ ގުޅިއެއް ކެމިނެރޯ އުފުލައިލުމުން އޭތި ހުރިތަނުގައި ބަހައްޓަން އޭނާ އަށް އެންގުމުން "ތަޅުންގަޑުމައްޗަށް ވައްޓާލައި ފުނޑުފުނޑުކޮށްލީ" އެވެ.

މިއާމީ ނިއު ޓައިމްސް އަށް ފްލޮރިޑާގެ އެ އާޓިސްޓު ބުނީ، އޭނާ އެކަންކުރި މަގުސަދަކީ، އަމިއްލަ ގައުމުގެ އާޓިސްޓުންނަށް ފުރުސަތު ނުދީ، ބިދޭސީންނަށް އެ ދާރުލްއާސާރުން ފުރުސަތު ދޭތީ އެކަމާ އިހްތިޖާޖު ކުރުން ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ދިނުމަށް މިއަދު ޕްރެސް ކޮންފަރެންސެއް ބާއްވާނެ ކަމަށެވެ.

"އަހަރެން އެކަން ކުރީ، އެބައިއެއްގެ އުފެއްދުންތައް މިފަދަ ދާރުލްއާސާރުތަކުގައި ދައްކާލުމުގެ ފުރުސަތު ލިބިފައިނުވާ، މިއާމީގެ އާޓިސްޓުންގެ ހައްގުގައި،" ކެމިނެރޯ ބުންޏެވެ. "އެމީހުން ވަނީ، އިންޓަނޭޝަނަލް އާޓިސްޓުންނަށް އެތަކެއް މިލިޔަން ޑޮލަރެއް ހަރަދުކޮށްފައި."

ކެމިނޭރޯ ބުނީ، އޭނާ އަށް އެ ގުޅި ވައްޓައި ތަޅައިލުމުގެ ހިޔާލުއައީ، އައި ވެއިވެއިގެ އަމިއްލަ ކުރެހުމަކުން އިބުރަތް ލިބިގެން ކަމަށެވެ.

ހަބަރުގައިވާ ފޮޓޯ އިން އެފެންނަ ކުލަޖައްސާފައިވާ ގުޅިތަކުގެ ފަހަތުގައި އެވާ އައި ވެއިވެއިގެ ކަޅާ-ހުދުގެ ތިން ފޮޓޯ އިން ފެންނަ ގޮތުގައި އޭނާ އެފަދަ ގުޅިއެއް ދެއަތުން އުފުލާލާފައި ބިންމަޗަށް ވައްޓައި ފުނޑުފުޑު ކޮށްލާ މަންޒަރެވެ.

"އަހަންނަށް ސިފަވީ، ވެއިވެއިގެ އެ ކުރެހުމަކީ، އެއިން އެފެންނަ މަންޒަރާ އެއްގޮތަށް އޭނާއާ ބައިވެރިވެ އިހްތިޖާޖު ކުރުމަށް ގޮވާލާފައިވާ ކުރެހުމެއްގެ ގޮތުގައި،" ނިއު ޓައިމްސް އަށް ކެމިނޭރޯ ބުންޏެވެ.