18 Feb 2014, 11:51
އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ރަޖީވް ގާންދީ އަވަހާރަކޮށްލި ހަމަލާގައި ބައިވެރިވިކަމުގެ ކުށް ސާބިތުވެފައިވާ ތިން މީހަކަށް އިއްވާފައިވާ މަރުގެ ހުކުމް ތަންފީޒު ނުކުރަން އެގައުމުގެ ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.
އިންޑިއާގެ އުއްތަމަ ފަނޑިޔާރު ޕީ. ސަތަސިވަމްއާ އެކު ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ހިމެނޭ ބެންޗަކުން މިގޮތަށް ނިންމީ ރަޖީވް ގާންދީ އަވަހާރަކޮށްލުމުގެ ކުށް ސާބިތުވެ، މަރުގެ ހުކުމް އިއްވާފައިވާ މީހުން މައާފަށް އެދި އެގައުމުގެ ރައީސަށް ފޮނުވި ސިޓީއަކާ މެދު ގޮތެއް ނުނިންމައި މާ ގިނަ ދުވަސް ވެފައި ވާތީ އެކަމަށް ރިއާޔަތްކޮށްގެންނެވެ.
ރަޖީވް ގާންދީ އަވަހާރަކޮށްލި ހަމަލާއާ ގުޅިގެން މަރުގެ ހުކުމް އިއްވާފައިވާ ތިން މީހުން ކަމަށްވާ މުރުގަންއާއި ސަންތަންއާއި ޕެރަރިވަލަން ޖަލުގައި 23 އަހަރު ހޭދަކޮށްފައިވާ އިރު އެމީހުން މައާފަށް އެދި ފޮނުވި ސިޓީތަކާ މެދު ސަރުކާރުން ގޮތެއް ނިންމާފައި ވަނީ 11 އަހަރު ފަހުންނެވެ. އެގޮތުން އިންޑިއާގެ ކުރީގެ ރައީސާ ޕްރަތީބާ ޕަޓޭލް ވަނީ އެމީހުންނަށް މައާފް ނުދެއްވުމަށް ނިންމަވާފަ އެވެ.
އެތިން މީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ނުކުރުމަށް ކުރި ހުކުމްގައި އެމީހުންނަށް މައާފް ދިނުމަށް ވެސް ވަނީ މަގުފަހިކޮށްދީފަ އެވެ. އެގޮތުން ޓެމިލްނާޑޫގެ ސްޓޭޓް ސަރުކާރަށް އެކަމުގައި އިހުތިޔާރު ދީފައިވާ ކަމަށް ދަ ހިންދޫ ނޫހުން ބުންޏެވެ.
މީގެ 23 އަހަރު ކުރިން 1991 ވަނަ އަހަރު ރަޖީވް ގާންދީ އަވަހާރަކޮށްލީ ޓެމިލްނާޑޫގެ ވެރިރަށް ޗެންނާއީގެ ކައިރީގައިވާ އަވަށެއްގައި މީހަކު އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ހަމަލާއެއްގަ އެވެ. ކެމްޕޭން ހަރަކާތެއްގައި ރަޖީވްގާންދީ ހުންނަވަނިކޮށް ދިން އެހަމަލާއަކީ ސްރީލަންކާގެ ތަމަޅަ ޓައިގަރުންގެ ރޭވުމެއް ކަމަށް އޭރު ކުރި ތަހުގީގު ތަކުން ވަނީ އެނގިފަ އެވެ. ރަޖީވް ގާންދީ އަވަހާރަކޮށްލަން ތަމަޅައިން ރޭވީ އޭނާގެ ވެރިކަމުގައި ތަމަޅައިންނާ ކުރިމަތިލުމަށް އިންޑިއާ ސިފައިން ސްރީލަންކާ އަށް ފޮނުވުމުންނެވެ.
ރަޖީވްގާންދީ އަކީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާގާންދީގެ ދަރިކަލުންނެވެ. އަދި އިންޑިއާގެ ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ ލީޑަރު ސޯނިއާ ގާންދީގެ ފިރިކަލުންނެވެ.