ޓީޗަރުންގެ ފެންވަރު މަތިކުރުމަށް ގާއިމުކޮށްފައިވާ ޓީޗާސް ރިސޯސް ސެންޓަރުތަކުގެ(ޓީއާރުސީ) މި އަހަރުގެ ބައްދަލުވުން މިއަދު ފަށައިފި އެވެ.

އަތޮޅުތަކުގެ ޓީއާރުސީތަކުގެ އިސްވެރިންނާއި އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާ އެ ކޮންފަރެންސް ފެށީ މިއަދު ގާޒީ ބިލްޑިންގްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ ޓީއާރުސީތަކުގެ މައިގަނޑު ބޭނުމަކީ މުދައްރިސުންގެ ފެންވަރު މަތިކުރުމަށް ހިންގަން ޖެހޭ ތަމްރީނުތައް ހިންގުން ކަމަށާއި މިއަދުފެށޭ ބައްދަލުވުމަށް ފަހު ޓީއާރުސީގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެން ދާނޭ ކަމުގައި އުންމީދުކުރައްވާ ކަމަށެވެ.

"ޓެކްނޮލޮޖީ ކުރިއަރާފައިވާ މިންވަރުގެ މައްޗަށް ނަޒަރުކޮށް ޒަމާނީ އާލާތްތަކުގެ އެހީގައި ޓީއާރުސީގެ ތަމްރީނުތައް ހިންގޭނެ އާ ނިޒާމަކަށް މިބައްދަލުވުމުގައި މަޝްވަރާކުރެވޭނެ ކަމަށް އުންމީދުކުރަން،" އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން ޓީއާރުސީ އަށް ދިއުމުގެ ބަދަލުގައި ރަށުގައި ހުރެގެން ތަފާތު ތަމްރީނު ކޯސްތައް އޮންލައިންކޮށް އަތޮޅުތެރޭގައި ހިންގުމުގެ ފާލަމަކަށް ޓީއާރުސީ ގެންދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ޓީއާރުސީ ހިންގުމަށް މިހާރު ހުރި ގޮންޖެހުންތައް ނައްތާލައި މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ވެސް މިހާރު ވަނީ ޓީޗާސް ރިސޯސް ސެންޓަރުތައް ގާއިމްކޮށްފަ އެވެ. އެ ހުރިހާ ސެންޓަރުތަކުން ވެސް ބައިވެރިވާ މި ކޮންފަރެންސް ތިން ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ކުރިޔަށް ގެންދަން ވަނީ ނިންމާފަ އެވެ.