18 Feb 2014, 11:06
އަންނަ މަހު ބާއްވާ ރައްޔިތުން މަޖިލިސް އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެންތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތަކަށް ރީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން އިއްޔެ ކުރި އިއުލާނެއްގެ ބުނެފައި ވަނީ ރީ ރަޖިސްޓްރީ ކުރުމުގެ މުއްދަތު ހަމަވާނީ މިއަދުން ފެށިގެން މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
މީގެ ކުރިން ބޭއްވި އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓް،ކރީ ކޮށްފައިވާ މީހުން ވެސް މަޖިލިސް އިންތިހާބަށް އަލުން ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށް އެ ކޮމިޝަނުން ކުރި އިއުލާންގައިބުނެފައިވެ އެވެ.
ރީ ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް އިލެކްޝަންސް ކޮމިޝަނުންނާއި ރީ ރަޖިސްޓޭޝަންގެ މައި މައުކަޒުގެ އިތުރުން ރަށު ކައުންސިލް އިދާރާތަކުން ލިބޭނެ ކަމަށް އެ އިއުލާންގައި ވަނީ ބުނެފަ އެވެ. ހަމަ އެހެންމެ ކުރީގެ އިންތިހާބުތަކޭ އެއްފަދައިން މި އިންތިހާބަށް ވެސް ރީ ރަޖިސްޓްރީ ކުރުމަށް އެކަކަށް ހުށަހެޅޭނީ ގިނަވެގެން 10 ފޯމެވެ. އަދި ސިޔާސީ ޕާޓީތަކުންނާއި ރިސޯޓްތަކުންގެ އިތުރުން އެހެން މުވައްސަސާތަކަށް އެތަނުގެ ތައްގަނޑާ އެކު ރީ ރަޖިސްޓްރީ ކުރުމަށް އެދި ފަހަރަކު ހުށަހެޅޭނީ 50 ފޯމް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ފޯމް ބަލައިގަންނަމުން ދާނީ ރަސްމީ ދުވަސްތަކުގެ މާލޭގައި ނަމަ ހެނދުނު 8:30 އިން ރޭގަނޑު 10ކަމަށާއި އަދި ރަށު ކައުންސިލްތަކުގައި ނަމަ 9:00 އިން މެންދުރު ފަހު 3:00 ކަމަށް އެކޮމިޝަނުން ވަނީ މައުލޫމާތުދީފަ އެވެ. އޭގެ އިތުރުން ހުކުރު ދުވަހު މެންދުރު ފަހު 2:30 ފެށިގެން ރޭ ގަނޑު 10:00 އަށް މާލެ އާއި އަތޮޅުތަކުގައި ފޯމް ބަލައިގަތުމަށް ހަމަ ޖެހިފައިވާ ކަމަށް ވެސް އެކޮމިޝަނުން ވަނީ ބުނެފަ އެވެ.