18 Feb 2014, 09:33
ޖިހާރު ޚާންދު (ފެބްރުއަރީ 18) : އިންޑިޔާގެ ޖިހާރު ޚާންދު ސްޓޭޓްގެ ރައްފުށު ހިސާބުގެ ފިރިހެނަކު އޭނާގެ ތުއްތު އަންހެން ދަރިފުޅާއި އެކުއްޖާގެ މަންމަ (އޭނާގެ އަނބިމީހާ) ދިރިހުއްޓައި އަލިފާނުން އަންދާލައިގެން މަރާލައިފި އެވެ.
ޖިހާރު ޚާންދު ސްޓޭޓްގެ ފުލުހުން ހާމަކުރިގޮތުގައި މިދިޔަ ހަފްތާގައި ފިރިހެންމީހާ މިޖަރީމާ ހިންގާފައިވަނީ އޭނާގެ އަނބިމީހާ ދަރިފުޅަށް ކިރުދޭން އިންދައި އެދެމައިންގެ ގަޔަށް ކެރޮސިން (ސާފުތެޔޮ) ޖެހުމަށްފަހު އެދެމައިންގެ ހަށިގަނޑުގައި އަލިފާން ރޯކޮށްގެންނެވެ.
މިހާދިސާގައި އެދެމައިން މަރުވީ ފިހިގެން ހޮސްޕިޓަލަށް ގެންދިޔުމަށްފަހުގައި ކަމަށާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެދެމައިންގެ ހަށިގަނޑުގެ 95 އިންސައްތަ ފިހިފައިވާ ކަމަށް މެޑިކަލް ރިޕޯޓް ބުނާކަމަށް ފުލުހުން ބުނެއެވެ.
ޖިހާރު ޚާންދު ސްޓޭޓްގެ ފުލުހުން ބުނާގޮތުން މިހާދިސާގެ އަނިޔާވެރިކަމުން އެސްޓޭޓަށްވަނީ ސިހުން ލިބިފަ އެވެ. އަދި ފިރިހެންމީހާ ވަނީ ބަންދުކޮށްފަ އެވެ.
އުމުރުން 42 އަހަރުގެ މިފިރިހެންމީހާ މިޖަރީމާ ހިންގި ކަމަށްވަނީ އޭނާގެ އަންހެން ދަރިފުޅު ބޮޑުވެ މީހަކާ ކައިވެނިކުރަންޖެހޭއިރު ރަނުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދޭންޖެހޭނީ އަންހެންކުއްޖާގެ ބައްޕަ ކަމަށްބުނާ ގާނޫނު ދެކެ ބިރުން އެގާނޫނަށް ފިލުމުގެ ގޮތުން ކަމަށާ މިއީ ޑަވްރީ ގަތްލުއާންމެއް ކަމަށް އެއާއިލާގެ ގާތްތިމާގެ މީހުންނާ ހަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.
މިޖަރީމާގައި މަރުވި އަންހެންމީހާގެ ބައްޕަ ބުނާގޮތުން މީގެ ދޮޅު އަހަރެއްހާ ދުވަސްކުރިން ކައިވެނިކުރި އެދެމަފިރިން ދިރިއުޅެމުން އައީ ވަރަށް އުފަލާއި ލޯތްބާ އެކުގަ އެވެ. ނަމަވެސް އަންހެންމީހާ ބަލިވެއިނދެ އަންހެން ކުއްޖަކު ވިހޭފަހުން އެދެމަފިރިންގެ ގުޅުންތައް ގޯސްވެ ފިރިހެންމީހާ ރުޅިގަދަވެ އެމީހާ އުޅެމުންދަނީ ނަފްސާނީ މައްސަލަތަކެއްގެ ތެރޭގައިކަން ފާހަގަ ކުރެވިފައިވާ ކަމުގައި ވެސް އަންހެން މީހާގެ ބައްޕަ ބުނެއެވެ.
އިންޑިޔާގައި އަންހެންކުދިން މެރުން އާންމު ކަމަކަށްވެފައިވަނީ ޑަވްރީ ނުވަތަ ކައިވެނީގެ ރަނުގެ އަގުބޮޑުވެފައި އެއީ އަންހެންކުއްޖާގެ ބައްޕަ ދައްކަންޖެހޭ އެއްޗަކަށްވާތީ އެވެ.
މިމައްސަލައާ ގުޅިގެން އަންހެންކުދިންނާއި ފިރިހެންކުދިން ތަފާތުކުރުމުގެ ސަގާފަތެއް އިންޑިޔާގައިވަނީ އުފެދިފަ އެވެ. ބައެއް އާއިލާތަކުން ހަމައެކަނި ފިރިހެންކުދިން ބޭނުންވާއިރު އަނބިމީހާ ބަލިވެއިނީ ކޮންޖިންސެއްގެ ކުއްޖެއްތޯ ބެލުމަށްފަހު އަންހެންކުއްޖަކަށް ބަލިވެއިންކަން އެނގުމުން ދަރިވައްޓާލުން (ޑަވްރީ ޑެތް) އިންޑިޔާގައިވަނީ އާންމުވެފަ އެވެ. ނަތިޖާއެއްގެ ގޮތުން އިންޑިޔާގެ އާބާދީގައި ސެކްސް ރޭޝިޔޯ ވަނީ ގުދްރަތީގޮތުން ހުންނަންޖެހޭ މިންވަރަށްވުރެ ފިރިހެނުންގެ ކޮޅަށް ވަރަށް ބޮޑަށް ބުރަވެފަ އެވެ. (ޔޫޕީއައި)