18 Feb 2014, 09:22
އދ. މަޖިލިސް (ފެބްރުއަރީ 18): އުތުރު ކޮރެޔާގެ ސަރުކާރުން އެގައުމުގެ ރައްޔިތުންނާ ދެކޮޅަށް ފުޅާދާއިރާއެއްގައި އިންސާނިއްޔަތާ ހިލާފު އަނިޔާވެރި އަމަލުތައް ހިންގަމުން ގެންދާކަން ތަހްގީގްތަކުން ސާބިތުވެފައިވާ ކަމަށް ބުނެ މިޖަރީމާތަކާ ގުޅިގެން އެގައުމުގެ އަމަނާބެހޭ އިދާރާތަކުގެ އިސް މަސްއޫލުވެރިންނާއި ރައީސް ކިމް ޖޮންގް އުން ބައިނަލްއަގްވާމީ އަދާލަތަށް ހާޒިރުކުރަންޖެހޭ ކަމަށް އދ. ގެ މުހައްގިގުންގެ ކޮމިޓީން ބުނެފި އެވެ.
އެކޮމިޓީގެ މެންބަރުން އުތުރުކޮރެޔާގެ ރައީސް ކިމް ޖޮންގް އުން އަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި، މިޖަރީމާތަކާ ގުޅިގެން އޭނާއާއި އޭނާގެ ސަރުކާރުގެ އިސް މަސްއޫލުވެރިން، ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ހާޒިރުކުރުމަށް އެދި އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާނެކަމުގެ އިންޒާރު ދީފައިވެ އެވެ.
މުރާސިލުން ބުނާގޮތުން މިއީ މިފަދަ މައްސަލައަކާ ގުޅިގެން އދ. ތަހްގީގު ޓީމެއްގެ މެންބަރުން، ގައުމެއްގެ ރައީސަށް ސިޓީ ފޮނުވައި މިފަދަ ހަރުކަށި އިބާރާތަކުން އިންޒާރުދިން ފުރަތަމަ ފަހަރެވެ.
އދ. ގެ މުހައްގިގުން ބުނާގޮތުން އުތުރުކޮރެޔާ ސަރުކާރުން ގެންދަނީ އެގައުމުގެ ރައްޔިތުންނާ ދެކޮޅަށް ޖިންސީ އަނިޔާތަކާއި ޖިސްމާނީ އަނިޔާތަކުގެ އިތުރުން އަޅުވެތިކުރުންފަދަ އަނިޔާތައްވެސް ސިސްޓަމެޓިކް ގޮތެއްގައި ހިންގަމުންނެވެ. އަދި ފިކުރީގޮތުންނާއި ސިޔާސީގޮތުން އުތުރުކޮރެޔާގެ ސަރުކާރާ އިދިކޮޅު ހިޔާލުތައް ގެންގުޅޭ ފަރާތްތައް ފާހަގަކޮށް އެފަދަމީހުން ހައްޔަރުކޮށް އަނިޔާކުރުމާއި ޝަރީއަތަކާނުލައި މެރުންފަދަ ބޮޑެތި އަނިޔާތައްވެސް އުތުރުކޮރެޔާގެ ސަލާމަތާބެހޭ އިދާރާތަކުން ހިންގަމުން ގެންދާކަމަށް އދ. ގެ މުހައްގިގުންގެ ރިޕޯޓް ގައި ބުނެފައިވެ އެވެ.
ތުހުމަތުތަކަށް ރައްދުދެމުން އުތުރުކޮރެޔާއިން އިއްޔެ ބުނެފައިވަނީ އދ. ގެ މުހައްގިގުންނަކީ ހުޅަނގުން ފައިސާ ދީގެން ގަނެލާފައިވާ އެޖެންޓުންތަކެއް ކަމަށެވެ. އަދި އެމީހުންގެ ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގުތުހުމަތު ތަކެއްކަމުގަ އެވެ.
އދ. ގެ މުހައްގިގުންގެ ރިޕޯޓްގައިބުނާ އަނިޔާވެރި އަމަލުތައް އެގައުމުގައި ހިންގާފައިނުވާނެ ކަމަށާ މިރިޕޯޓަކީ ޖަޕާނާއި އެމެރިކާފަދަ ދުޝްމަނުން އަޑީގައި ތިބެގެން އެގައުމާ ދެކޮޅަށް ހިންގަމުންގެންދާ ސިޔާސީ ކުޅިގަނޑެއް ކަމަށްވެސް އުތުރުކޮރެޔާގެ ސަރުކާރުން ބުނެފައިވެ އެވެ.
އުތުރުކޮރެޔާގެ މަސްއޫލުވެރިންގެ މައްސަލަ އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅިނަމަވެސް ޗައިނާއިން އެކަމާދެކޮޅަށް ވީޓޯކުރާނެ ކަމަށް ބެލެވިފައިވާތީ އެބޭފުޅުން ބައިނަލްއަގްވާމީ ޖިނާއީކޯޓަށް ހާޒިރުކުރުމަކީ އދ. ގެ ނިޒާމު އޮތްގޮތުން މިހާރު ކުރެވޭނެ ކަމެއްނޫންކަމަށް މުރާސިލުން ބުނެ އެވެ. (ރޮއިޓާސް)