18 Feb 2014, 09:14
ރޯމް (ފެބްރުއަރީ 18) : އިޓަލީގެ ރައީސް ޖޯޖިޔޯ ނަބޮލިތާނޫ، އެގައުމުގެ އައު ބޮޑުވަޒީރަކަށް ޑިމޮކްރެޓިކް ޕާޓީގެ ޒައީމް އަދި ފްލޮރަންސާގެ މޭޔަރު މެތިޔޯ ރެންޒީ އިޚްތިޔާރު ކުރައްވައި އައުސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް އޭނާއާ ހަވާލުކުރައްވައިފި އެވެ.
އައު ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ރެންޒީއާ ހަވާލުކުރައްވާފައިމިވަނީ އިޓަލީގެ ބޮޑުވަޒީރުކަމުގައި ހުންނެވި އެންރީކޯ ލިޓާ މިމަހުގެ 14 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ލިޓާ ގެ ވެރިކަމަށް އަހަރެއްވެސް ނުވަނީސް މަގާމުން އިސްތިއުފާ ދެއްވީ އޭނާ ބޮޑުވަޒީރުކަމުގައި ދެމިހުންނެވުމަށް އެ ޕާޓީގެ ތާއީދު ނެތްކަން ހާމަވުމާ ގުޅިގެންނެވެ.
އިޓަލީ ވެއްޓިފައިވާ އިގްތިސާދީ ވަޅުގަނޑުން ސަލާމަތް ކުރުމަށްޓަކައި އައު ސަރުކާރެއް ވުޖޫދަށް ގެންނަން ޖެހޭ ކަމަށް ވިދާޅުވެ އެފަދަ ސަރުކާރެއްގެ ވެރިއަކަށްވެ ވަޑައިގަތުމަށް އޭނާ ތައްޔާރަށް ހުންނެވިކަން ރެންޒީ މިދިޔަ ހަފްތާގައި ވިދާޅުވުމުން ލިޓާ ވަނީ އޭނާ ނިސްބަތްވާ ޕާޓީގެ ތާއީދުނެތި ދެން ބޮޑުވަޒީރުކަމުގައި ހުންނަވަން ބޭނުންފުޅުނުވާކަމަށް ވިދާޅުވެ މިދިޔަ ހުކުރު ދުވަހު މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
އިޓަލީގެ ރައީސް ޖޯޖިޔޯ ނަބޮލިތާނޫ، ބޮޑުވަޒީރު ކަމަށް އިޚްތިޔާރު ކުރެއްވި މެތިޔޯ ރެންޒީ ނިސްބަތްވެ ވަޑައިގަންނަވާ ޑިމޮކްރެޓިކް ޕާޓީއަކީ އިޓަލީގައި ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ އެވެ.
ޔޫރަޕްގެ ތިންވަނައަށް އެންމެ ބޮޑު އިގްތިސާދު ކަމަށްވާ އިޓަލީގެ އިގްތިސާދަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތަކަކީ ދެވަނަ ބޮޑުހަނގުރާމައަށް ފަހު އެގައުމަށް ކުރިމަތިވި އެންމެ ބޮޑު އިގްތިސާދީ މައްސަލަތައް ކަމަށާ އެމައްސަލަތައް ހައްލުކުރުމުގައި އަވަސް ފިޔަވަޅުތަކެއް އެޅުމުގައި ނާކާމިޔާބުވިކަމުގެ ތުހުމަތު ލިޓާގެ ސަރުކާރުގެ މައްޗަށްވަނީ ކުރެވިފަ އެވެ.
އުމުރުފުޅުން 39 އަހަރުގެ ރެންޒީ އިއްޔެ ވިދާޅުވެފައިވަނީ ސަރުކާރެއް އެކުލަވާލުމުގެ މަޝްވަރާތައް ކޯލިޝަންގެ ބައިވެރިންނާއެކު މިއަދު ކުރިޔަށްގެންދަވާނެ ކަމަށާއި މިހަފްތާ ނިމުމުގެ ކުރިން އައު ސަރުކާރުގެ ކެބިނެޓް ރައީސް ޖޯޖިޔޯ ނަބޮލިތާނޫ އަށް ހުށަހަޅުއްވާނެ ކަމުގަ އެވެ. (ބީ.ބީ.ސީ)