18 Dec 2010, 04:34
އަފްޣާން ހަނގުރާމައިގާ ކުރިއެރުން ލިބެމުންދާ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ބަރަކް އޮބާމާ ދެއްކެވި ވާހަކަފުޅަކީ ޙަޤީޤަތެއް ނޫންކަމަށާއި އެއީ އެމެރިކާ ސިފައިންނަށް ހިއްވަރުދީ އެމީހުންގެ މަޢްނަވީ ޙާލަތު ރަނގަޅު ކުރުމަށް ކުރެއްވި ކަމެއް ކަމަށް އަފްޣާނިސްތާނުގެ ތާލިބާން ޖަމާއަތުން ބުނެފިއެވެ. ތާލިބާނުންގެ ތަރްޖަމާނެއް ކަމަށްވާ ޒަބީހުﷲ މުޖާހިދު ދުނިޔޭގެ ބޮޑެތި ނޫސް އެޖެންސީތަކަށް ފޮނުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އަފްޣާން ހަނގުރާމައިގާ އެމެރިކާ އެންމެފަހުން ގެންގުޅެންފެށި ސިފައިން އިތުރުކުރުމުގެ ސްޓްރެޓެޖީވެސް ނާކާމިޔާބުވެފައިވާ ކަމުގައެވެ. އަދި އެމެރިކާގެ އިތުރުސިފައިން އަފްޣާނިސްތާނަށް ފޮނުވުމުން އަފްޣާނިސްތާނުގައި މަރާލެވޭ އެމެރިކާ ސިފައިންގެ ޢަދަދުވެސް އިތުރުވެގެންގޮސްފައިވާ ކަމަށް ތާލިބާނުން ތަރްޖަމާން ވިދާޅުވިއެވެ.
އެމެރިކާ އަފްޣާނިސްތާނުގައި އެންމެފަހުން ގެންގުޅެންފެށި ސްޓްރެޓެޖީ މުރާޖަޢާކުރުމަށްފަހު ނެރެފައިވާ ރިޕޯޓްގައި އަފްޣާން ހަނގުރާމައިގާ އެމެރިކާއަށް ކުރިއެރުން ލިބެމުންދާ ކަމަށްބުނެ އަފްޣާން ހަނގުރާމައިގެ ހުރިހާ ކަމެއްވެސް ކުރިޔަށްދަނީ އެމެރިކާގެ ސްޓްރެޓެޖީއާ އެއްގޮތަށްކަމަށް ބުނެފައިވެއެވެ. ނަމަވެސް އަފްޣާން ހަނގުރާމައާބެހޭގޮތުން އެމެރިކާގެ ޖާސޫސީ އިދާރާ ސި.އައި.އޭ. ން ނެރުނު ރިޕޯޓްގައި އެމެރިކާއަށް އަފްޣާން ހަނގުރާމަ ކާމިޔާބުކުރެވުމަށްވުރެ އެކަން ނުކުރެވުން ގާތްކަމަށް ބުނެފައިވެއެވެ. އަދި އަފްޣާން ހަނގުރާމައިގާ އެމެރިކާ ގެންގުޅޭ ސްޓްރެޓެޖީ ކާމިޔާބުކަމަށް ވިދާޅުވެ ރައީސް ބަރަކް އޮބާމާ ދެއްކެވި ވާހަކަތަކުގެ ތެދުކަމާމެދު ތަޖްރިކާރުންނާއި މުޙައްލިލުން ޝައްކުކުރެއެވެ.