ސަރުކާރަށް ކަމެއް ނުކުރެވުމުން ސިފައިން ނެރެގެން ފާޑުފާޑު މަސައްކަތް ކުރުވާނެ ކަމަށާއި ސިފައިން ކައިރީގައި ބުނެލާ އިރަށް "ސޯޓާއި ކޮނޑުކެނޑި" ލައިގެން ވެސް ސިފައިން މަސައްކަތަށް ނުކުންނާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވީ އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހިގެ ވިލިމާފަންނު ދާއިރާއަށް ވާދަކުރައްވާ ޝެއިހް ހުސައިން ރަޝީދު އަހުމަދުގެ ކެމްޕޭން ޖަގަހަ ހުޅުވައިދެއްވުމަށް މިރޭ ވިލިމަލޭގައި އޮތް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ކަމެއް ކުރެވެން ނެތުމުން ސިފައިން ލައްވައި މަސައްކަތް ކުރުވުމަކީ ކުރާ ކަމެއް ކަމަށާއި އެކަން ހުދު އެމަނިކުފާނަށް ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.

"ސަރުކާރަކުން ކަމެއް ކުރެވެން ނެތުނީމާ، ކުރާ ކަމަކީ ސިފައިން ނެރިގެން ފާޑުފާޑުގެ ކަންކަންކުރުން. އެނގިވަޑައިގަންނަވާނެ އަޅުނގަޑަށް ވެސް މިކަން އިނގޭނެ ކަން. ބުނީމަ ސިފައިން ނުކުންނާނެ އަބަދުވެސް. ސޯޓު ލައިފައި ވެސް ނުކުންނަވާނެ. ކޮނޑުކެނޑި ލައިފައި ވެސް ނުކުންނަވާނެ. ބޭނުން ގޮތަކަށް ނުކުންނަވާނެ. އެތަން މިހާރު އެބަ ފެނޭ،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވިއިރު، ސިފައިންގެ މަސައްކަތަކުން ހެދި ފުޓްސަލް ދަނޑު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ވަނީ ވިލިމާލޭގައި ރޭ ހުޅުވައި ދެއްވާފަ އެވެ. އެ ދަނޑަކީ "ޔުނިޓީ ތުރޫ ފުޓްސަލް" ޕްރޮގްރާމްގެ ދަށުން ސިފައިން އެޅި ތިން ވަނަ ދަނޑެވެ.

އިލެކްޝަން ކޮމިޝަންގެ މެންބަރުން މިހާރު ސުޕްރީމް ކޯޓަށް ހާޒިރުކުރާ މައްސަލައަށް އިޝާރާތްކުރައްވާ ރައީސް ނަޝީދު މިރޭ ވިދާޅުވީ ސުޕްރީމް ކޯޓުން އިލެކްޝަން ކޮމިޝަންގެ މެންބަރުންނަށް މިހާރު ދައްކަވަމުންގެންދަވާ ބިރުގެންނެވުންތައް ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި އެކަން އެގޮތަށް ނުކުރެއްވުމަށް އުއްތަމަ ފަނޑިޔާރަށް ވެސް ނަޝީދު ވަނީ ގޮވާލައްވާފަ އެވެ.

"އަޅުނގަޑު ވަރަށް އިހުލާސްތެރިކަމާއި އެކު ފާއިޒް [އުއްތަމަ ފަނޑިޔާރު]ގެ އަރިހުން ދަންނަވަން. ތިޔަކަމުގައި ދެން އުޅުއްވައިގެން ނުވާނެ. ހަމަ ހަގީގަތުގައި ވެސް ފާއިޒް އެކަން އުޅުއްވައިގެން ނުވާނެ. އިތުރަށް އިލެކްޝަން ކޮމިޝަންގެ މެންބަރުން ގެންދަވައިގެން ގޮތެއް ފޮތެއް ނެތި ކަންތައް ކުރައްވަން އުޅުއްވާ އުޅުއްވުން އެއްކިބާވުމަށް ގޮވާލަން،" އެމަނިކުފާނު ވިދާޅުވި އެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް އަޣުލަބިއްޔަތު ލިބިއްޖެނަމަ ރާއްޖޭގެ ސުޕްރީމް ކޯޓާއި ޝައުރީ ނިޒާމް ވެސް އިސްލާހްކޮށް އެމްޑީޕީން ފަށާފައިވާ "އިންސާފުގެ ދަތުރު" ނިންމާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގެ ތަރައްގީ އާއި އިޖްތިމާއީ ފޭރާމާއި ދީނީ ވަހުދަތު ހިފެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުގައި ރަނގަޅަށް ދީނީ އިލްމު ލިބިވަޑައިގަންނަވާފައި ހުންނެވި ބޭފުޅެއް ކޮންމެހެން ވެސް ބޭނުންތެރި ކަމަށެވެ.

"މާތްވެގެންވާ އިސްލާމްދީނުގެ ރިވެތި އުސޫލުތަކާއި އަހުލާގީ ގޮތްތަކާއި އިސްލާމްދީން މަޖްބޫރު ކޮށްފައިވާ ކަންކަމާއި މި އެންމެހާ ކަންކަމުގެ ހެޔޮލަފާ ނަސޭހަތް ދިނުމަށް، ގާނޫނުތައް ހެދެމުން އަންނަ އިރުގައި އެ ގާނޫނުތައް އެ ހުރީ އިސްލާމްދީނުގެ އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިންތޯ ކަނޑައަޅައި ނިންމުމަށް ރައްޔިތުންގެ މަޖިލީހުގައި ދީނީ ދަންނަ ބޭކަލުން ތިއްބަވަންޖެހޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

ގާނޫނީ ބާރު ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ އަގްލަބިއްޔަތު އޮންނަވާނީ ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ އަތުގައި ކަމަށް ވަކާލާތު ކުރައްވާ ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީގެ މަސައްކަތަކަށް ވާންޖެހޭނީ ސަރުކާރު ޖަވާބުދާރީ ކޮށް ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައިދިނުމަށް މަޖުބޫރުކޮށް ބާރު އެޅުން ކަމަށެވެ.

އެގޮތުން އެމްޑީޕީގެ ސަރުކާރުން ފެށި "ވެށިފަހި" މާލެ ޕްރޮގްރާމް މާލޭ ސިޓީ ކައުންސިލުގެ ދަށުން ހިންގޭނެ ގޮތަށް ލާމަރުކަޒީ ގާނޫނު ބަދަލުކޮށް އެފަދަ ބާރުވެރި ކަމެއް ދިނުމަކީ އެމްޑީޕީގެ އަމާޒެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.