18 Feb 2014, 00:15
ޕީޕީއެމްގެ ސަރުކާރުގެ ބަޖެޓުގައި އިސްރާފު ކުރާނެ އައިޓަމްތަކެއް ނުހުންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާ އަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓް އަބްދުﷲ ނާޒިމް އިބްރާހީމްގެ ކެންޕެއިން އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުގެ ބަޖެޓުގައި އިސްރާފުކުރާނެ ފައިސާއެއް ނުހުންނާނެ ކަމަށާއި ބަޖެޓުގައި ހުރީ އެކި ދާއިރާތަކަށް ބޭނުންވާ ކަންކަން ކުރުމަށް ބޭނުންވާ ފައިސާ ކަމަށެވެ.
"މި ސަރުކާރުގެ ބަޖެޓުގައި ނުހުންނާނެ އިސްރާފް ކުރާނެ އައިޓަމްތަކެއް. މި ސަރުކާރުގެ ބަޖެޓުގައި ފައިސާ ހިމަނާފަ މިހިރީ އެކި އެކި ދާއިރާތަކަށް ބޭނުންވާ ކަންކަމަށް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޒުވާނުންނަށް ވަޒީފާ ހޯދައިދިނުމުގެ މަގުސަދުގައި ޅ. ފެލިވަރުގައި އެއާޕޯޓެއް އެޅުމަށާއި އަދި މަޑިވަރުގައި ޓޫރިސްޓު ރިސޯޓެއް ހެދުމުގެ މަޝްރޫއެއް މި ސަރުކާރުން އެކުލަވާލާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ މަސައްކަތް ނިމި އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ޅ. އަތޮޅުގެ ރައްޔިތުންނަށް އެކަމުގެ ފައިދާ ލިބިގެންދާނެ ކަމަށެވެ.
"މިކަމުގެ ފައިދާ ނައިފަރު ހިންނަވަރު މި ސަރަހައްދަށް ލިބިގެންދާނެ. އަދި އެއާ އެކީ މިދާއިރާގެ އެހެން ރިސޯޓުތައް ތަރައްގީ ކުރުމަކީ އަޅުގަނޑުމެންގެ އަމާޒު. އެހެންނަމަވެސް މިހާރުން މިހާރަށް ފެށިގެންދާނެ ކަމަށް އަޅުގަނޑުމެން މި އުންމީދު ކުރަނީ ފެލިވަރުގައި އެއާޕޯޓެއް އެޅޭނެ ކަމަށް. އަދި އެއާ އެކީ މަޑިވަރު ރިސޯޓެއްގެ ގޮތުގައި ބަދަލުވެގެންދާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ ތަރައްގީ އަށް ބޭނުންވާ ކަންތައް ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ކަމަށާއި އެކަން ކުރުމަށްޓަކައި މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ބޭނުންވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ޣައިރު ޒިންމާދާރު ބަޔަކު ތިމަންނަމެން މިތިބީ ޒިންމާދާރުތަކާ ކަމާ އެކީ ކަމަށް ބުނިނަމަވެސް އެކަން ގަބޫލު ނުކުރެއްވުމަށް އެމަނިކުފާނު ވަނީ ހިންނަވަރުގެ ޒުވާނުންނަށް ގޮވާލައްވާފަ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް 30 އަހަރު ވަންދެން ރާއްޖޭގެ ވެރިކަމުގައި ހުންނެވުމުން މާ ގިނަ ދުވަސް ވެއްޖެ ކަމަށް ބުނެ ވާހަކަ ދެއްކި އިރު ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ސޯލިހު މަޖިލީހުގެ ގޮނޑީގައި އިންނަވާތާ 20 އަހަރުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ހިންނަވަރު ދާއިރާ އިން މިފަހަރު އެހެން މީހަކަށް ފުރުސަތު ދިނުމަކީ ކުރުން ލާޒިމް ކަމެއް ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ އެ ދާއިރާގެ މެމްބަރު އިބޫ އަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ.
"އެހެންޒުވާނަކަށް ހާލަތު ބަދަލު ކުރެވޭތޯ ބަލާލުމަށް، ވިސްނުމާ ފިކުރު ބަދަލުވޭތޯ ބަލާލުމަށް އެހެން މީހަކަށް ފުރުސަތު ދިނުމަކީ މިހާރު ކުރުން ލާޒިމް ކަމެއް،" ރައީސް ވިދާޅުވި އެވެ.