މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)އާ ގުޅިގެން ދިއުމުން އެއާޕޯޓް ތަރައްގީ ކުރަން އެންމެ ރަނގަޅު ގޮތްތައް ކަނޑައެޅުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން ފަށައިފި އެވެ.

އެ މަސައްކަތް ފަށާފައި ވަނީ އައިއެންއައިއޭ ތަރައްގީ ކުރަން 2008 ވަނަ އަހަރު އެކުލަވާލާފައިވާ މާސްޓާ ޕްލޭނަށް ބޮޑެތި ބަދަލުތަކެއް ގެންނަ ގޮތަށެވެ.

އެމްއޭސީއެލުން މިއަދު ނެރުނު ކުރު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެއާޕޯޓް ތަރައްގީ ކުރުމުގެ މާސްޓާ ޕްލޭން ތައްޔާރު ކުރުމުގައި އެއާޕޯޓުގެ ރަންވޭ އާއި ޓާމިނަލް ބިލްޑިން އާއި ފިއުލްފާމާއި ކާކޯ ޓާމިނަލްގެ އިތުރަށް ސީޕްލޭން ޓާމިނަލް ތަރައްގީ ކުރާނެ ގޮތްތައް ކަނޑައެޅިގެންދާނެ ކަމަށެވެ.

މީގެ ހަ އަހަރު ކުރިން އެއާޕޯޓް ތަރައްގީ ކުރުމަށް ތައްޔާރުކޮށްފައިވާ މާސްޓާޕްލޭން އިތުރަށް ބަލައި، ޕްލޭނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި ތިން މަސް ހޭދަ ވާނެ ކަމަށް އެމްއޭސީއެލުން ނެރުނު ބަޔާނުގައިވެ އެވެ. އަދި އެ މަސައްކަތުގައި ސަރުކާރުގެ ވުޒާރާތަކާއި ވިޔަފާރިވެރިންނާއި އާންމުންނާއި މާލެ ސިޓީ ކައުންސިލާއި ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި (އެޗްޑީސީ)ގެ އިތުރަށް އެއާޕޯޓް ތަރައްގީއާ ގުޅުންހުރި ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާ ކުރާނެ ކަމަށް ބަޔާނުގައިވެ އެވެ. އަދި މާސްޓާ ޕްލޭނުގައި ހިމެނުމަށް ބޭނުންވާ ހިޔާލުތައް އެ ކުންފުންޏާ އީމެއިލުން ހިއްސާ ކުރުމަށް އެމްއޭސީއެލުން ވަނީ އެދިފަ އެވެ.