މާލީ ދަތިކަމާ ހެދި މަތީ ތައުލީމް ހާސިލު ކުރަން ނުދެވިފައި ތިބި ދަރިވަރުންނަށް ހާއްސަކޮށްގެން ދޫކުރާ ޓާޝަރީ ސްޓޫޑަންޓް ލޯން ސްކީމްގެ ދަށުން ލޯނަށް އެދި ހުށަހެޅި ހުރިހާ ފަރާތްތައް އޭސީސީން ފޮނުވާފައިވާ ރިކޮމެންޑޭޝަންތަކާ އެއްގޮތަށް އަލުން ދިރާސާ ކުރުމަށްފަހު، ލޯން ލިބުނު ދަރިވަރުންނަށް ލޯނު ލިބުނު ކަމުގެ ލިޔުން ހަވާލުކޮށްފި އެވެ.

މިއަދު ކުއްލިއްޔާގެ ހޯލުގައި ބޭއްވި އެ ރަސްމިއްޔާތުގައި، އެ ލޯންއަށް ކުރިމަތިލި 1345 ކުދިންގެ ތެރެއިން 250 ކުއްޖަކަށް ލޯން ލިބުނު ކަމުގެ ލިޔުން ހަވާލުކޮށްފައިވާއިރު، އެ ލޯން ސްކީމުގެ ދަށުން ރާއްޖޭގައި ޑިގްރީއަށް ކިޔެވުމަށް 75 ކުދިންނަށާއި 175 ކުއްޖަކަށް ރާއްޖެއިން ބޭރުން ކިޔެވުމަށް ލޯން ދޫކޮށްފައިވެ އެވެ.

މިއަދުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ވިދާޅުވީ ގައުމު ތަރައްގީ ކުރެވޭނީ އެކި ދާއިރާތަކުން ގާބިލް ދަރިން އުފައްދައިގެން ކަމަށާއި އެފަދަ ފަރާތްތަކެއް ނެތުމުން ރާއްޖޭގެ އިގްތިސާދަށް އަސަރުތަކެއް ކުރާ ކަމަށެވެ.

"ރާއްޖޭގެ ވަޒީފާގެ ބާޒާރު އޮތްގޮތާއި ރާއްޖެއަށް ބޭނުންޖެހިފައިވާ ދާއިރާތައް ދެނެގަނެ އެދާއިރާތަކަށް އަމާޒުކޮށްގެން މީހުން އުފެއްދުމުގެ މަސައްކަތްތަކެއް ކުރަންވެއްޖެ. ބައެއް ދާއިރާތަކުގައި ތައުލީމާއި ތަމްރީން ލިބިފައިވާ ދިވެހިން ނެތުމުގެ ސަބަބުން ސްކިލްޑް ލޭބާސް ގެނެސްގެން މަސައްކަތްކުރުވަން ޖެހުމަކީ އިގްތިސާދަށް ވަރަށް ބުރަ ބޮޑުވާ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ލޯން ސްކީމާއި ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޒްލީން އަހުމަދު މިއަދު ވިދާޅުވީ އެ ލޯން ސްކީމުގެ ދަށުން ލޯން ލިބުނު ހުރިހާ ކުދިންނަށް މިއަދު ލޯން ހަވާލުކުރީ، އޭސީސީން ހުށަހެޅި ގޮތަށް، ލޯނަށް އެދި ހުށަހެޅި ހުރިހާ ދަރިވަރުންގެ ފޯމް އެއްކޮށް ބަލާ ފާސްކުރުމަށްފަހު ކަމަށެވެ.

އޭނާ ވިދާޅުވީ ކުރިން ދިނުމަށް ހަމަޖެއްސި ލޯން ސްކީމްގެ ލިސްޓުގައި އެންޓާ ކުރުމުގައި ކުދިކުދި މައްސަލަތަކެއް ހުރެގެން މިފަހަރުގެ ލިސްޓުން ބައެއް ކުދިން އުނިކޮށްފައިވާ ކަމަށެވެ.

"...250 ކުދިންގެ ތެރެއިން އެންޓާ ކުރުމުގެ މައްސަލަތަކެއް ހުރެގެން 30 ކުއްޖަކަށްވަނީ ލޯން ލިބޭގޮތް ނުވެފައި. އަދި ނުހޮވޭ ދަރިވަރުންނަށް ވަކިން ދަންނަވައިގެން ގެނެސް މައްސަލަ ދިމާވެފައިވާ ގޮތްތައް ދައްކާފަ ވާނެ. އަދި އެބޭފުޅުން އެކަން ގަބޫލުވެސް ކުރައްވާ،" އޭނާ ވިދާޅުވި އެވެ.

މާލީ ދަތިކަން ދިމާވެފައިވާ ދަރިވަރުންނަށް ދޫކުރާ އެ ލޯން ސްކީމްގެ ދަށުން ލޯން އެހީ ލިބޭ ދަރިވަރުންގެ ލިސްޓުގައި ދަރިވަރުންނަށް މާކްސް ދިނުމުގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ އޭސީސީން އެންމެ ފުރަތަމަ އެ ލޯން ސްކީމް ދިނުން ހުއްޓުވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގަ އެވެ.

އެގޮތުން އޭސީސީން ވަނީ އެ ލޯން ސްކީމްގެ ދަށުން ލޯނަށް އެދި ހުށަހެޅި ފަރާތްތަކަށް އަލުން ޕޮއިންޓް ދިނުމަށް އެޑިއުކޭޝަން މިނިސްޓަރީއަށް މިދިޔަ މަހު އަންގާފަ އެވެ.