ދައްތަގެ ބޮލުގައި ކޮޅުފައިން ޖަހައި މާރާމާރީ ހިންގި ކަމަށް އަމިއްލައަށް އިއުތިރާފުވެ، ވައްކަން ކުރި ކަމަށް ޝަރީއަތުގައި އެއްބަސްވި ޒުވާނަކު ޖިނާއީ ފަސް ދައުވާއެއް ސާބިތުވެ، 15 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.

ވައްކަމާއި މާރާމާރީ އާއި އަމުރަށް ނުކުޔަމަންތެރިވުމުގެ ކުށް ސާބިތުވެ 15 އަހަރުގެ ޖަލު ހުކުމެއް އައީ ހދ. ކުޅުދުއްފުށި ދިލާސާގެ ޢަބްދުﷲ ޢަލީ، 24،ގެ މައްޗަށެވެ. ދައުލަތުން އޭނާއާ ދެކޮޅަށް އުފުލި ދައުވާތައް ސާބިތުވެ، އޭނާގެ މައްޗަށް ހުކުމް ކުރީ ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުންނެވެ.

އަބްދުﷲ އަލީ މައްޗަށް ކޮށްފައިވާ ހުކުމްތައް އާންމު ކުރީ ފުލުހުންނެވެ.

ފުލުހުން ބުނެފައިވާ ގޮތުން އޭނާގެ މައްޗަށް ވައްކަމުގެ ހަތަރު މައްސައެއް ސާބިތުވެ، 14 އަހަރުގެ ޖަލު ހުކުމެއް ވަނީ ކޮށްފަ އެވެ. އަދި އަބްދުﷲ އަލީގެ އެއްބަނޑު އެއްބަފާ ދައްތައާ މާރާމާރީ ހިންގައި ދައްތަގެ ބޮލުގައި ކޮޅުފައިން ޖެހި ކަމަށް އަމިއްލަ އިއްތިރާފުން ސާބިތުވާތީ ހަ މަސް ދުވަހަށް އޭނާ ޖަލުލުމަށް ވެސް ރަށު ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އަދި ކުޅުދުއްފުށީ ގެއަކަށް އެގޭގެ ވެރިންގެ ހުއްދައަކާ ނުލައި ވަދެފައިވާކަން ޝަރީޢަތަށް ސާބިތުވާތީ ޢަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުން ކުއްވެރިވެއްޖެ ކަމަށް ކަނޑައަޅައި، ހަ މަސް ދުވަހަށް ޖަލަށްލުމަށް ވެސް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

އަބްދުﷲ އަލީގެ މައްޗަށް ސާބިތުވެފައިވާ ވައްކަމުގެ މައްސަލަތަކަކީ މިދިޔަ އަހަރުގެ އޭޕްރީލް އަށް ވަނަ ދުވަހު ކުޅުދުއްފުށީ ގެއަކުން ޗައިނީސް ޕީއީއެލް ބްރޭންޑުގެ ފޯނެއް ވަގަށް ނަގައި ވިއްކާފައި ވުމާއި 2012 ވަނަ އަހަރުގެ އޭޕްރީލް 17 ވަނަ ދުވަހު، ބިދޭސީއަކު ދިރިއުޅެމުން ދިޔަ ތަނަކުން ނޮކިޔާ ބްރޭންޑްގެ ފޯނެއް ވަގަށް ނަގާފައިވުމާއި 2012 ވަނަ އަހަރުގެ އޭޕްރީލް 30 ވަނަ ދުވަހު ކުޅުދުއްފުށީ ގެއެއްގެ ސިޓިންގްރޫމްގައި އޮތް ސެމްސަންގް ބްރޭންޑްގެ ފޯނެއް ވަގަށް ނެގުމެވެ.