ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑޭގޮތަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ވާހަކަފުޅު ދައްކަވާ ކަމަށް ބުނެ ސުޕްރީމް ކޯޓުން ކުރާ ތުހުމަތުތަކަށް އެ ކޮމިޝަންގެ މެމްބަރުން އިންކާރު ކުރައްވައިފި އެވެ.

ސުޕްރީމް ކޯޓުގެ އަމިއްލަ އިސްނެގުމަކަށް ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ސުޕްރީމް ކޯޓު ކޮންޓެމްޓުވާގޮތަށް އެ ކޮމިޝަނުން ބާއްވާ ނިވްސް ކޮންފަރެންސްތަކުގައި ވާހަކަފުޅު ދައްކަވާފައިނުވާނެ ކަމަށެވެ.

އެ ކޮމިޝަންގެ ހުރިހާ މެމްބަރުން ވެސް ވިދާޅުވީ ނިވްސް ކޮންފަރެންސްތަކުގެ އިތުރުން ގާނޫނު އަސާސީގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކަށް ޖަވާބުދާރީވުމުގައި ވެސް އެފަދަ މޭރުކަމުން ވާހަކަފުޅު ދައްކަވާފައިނުވާނެ ކަމަށެވެ.

"ވަރަށް ސާބިތުކަމާ އެކު ދަންނަވަން ތުހުމަތުތަކުން އަޅުގަނޑު ބަރީއަވަން. ސުޕްރީމް ކޯޓުގެ ހުރުމަތް ގެއްލޭ އެއްވެސް ކަމެއް އަޅުގަނޑު ނުކުރަން،" ކޮމިޝަންގެ ނައިބް ރައީސް އަހްމަދު ފަޔާޒު ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުންގެ ބެންޗުން ވަނީ އެ ކޮމިޝަންގެ މެމްބަރުންނާ ގިނަ ސުވާލުތަކެއް ކުރިމަތި ކުރައްވާފަ އެވެ.

ރިޔާސީ އިންތިޚާބު ބާތިލްކޮށް ސުޕްރީމް ކޯޓުން ނެރުނު ގައިޑުލައިންތަކާ އެއްގޮތަށް އަމަލު ނުކުރެވޭނެ ކަމަށް ނިވްސް ކޮންފަރެންސްތަކުގައި ކޮމިޝަންގެ މެމްބަރުން ވިދާޅުވީ ކީއްވެތޯ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ސުވާލުކުރެއްވި އެވެ.
ޖަވާބުގައި ކޮމިޝަންގެ ރައީސް ފުއާދު ވިދާޅުވީ ވޯޓާސް ލިސްޓުގައި ހުރިހާ ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމަކީ އުނދަގޫކަމެއް ކަމަށާއި އެއީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ކުރާކަމެއް ނޫންކަމަށެވެ. އަދި އެ ސުވާލު ކުރައްވާއިރު އެއީ އުނދަގޫކަމެއްކަން ފަނޑިޔާރަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.

ގައިޑުލައިންތަކުގައި ހުރި ކަންތައްތަކާ ގުޅިގެން ބަންޑާރަ ނާއިބްގެ ލަފާފުޅެއް ހޯއްދެވިންތޯ ފަނޑިޔާރު ޑ. އަހްމަދު އަބްދުﷲ ދީދީ ދެންނެވުމުން ފުވާދު ވިދާޅުވީ ގައިޑުލައިނަށް އަމަލުކުރުމުގައި ހުރި ދަތިތައް ބަޔާންކޮށް ބަންޑާރަ ނާއިބްގެ ލަފާފުޅަކަށް އެދިފައިވާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދުއާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ ކޯޓުން ހުކުމެއް ކުރުމުން އެ ހުކުމް ތަންފީޒު ނުކުރެވޭނެ ކަމަށް ބުނެ ބަހަނާ ނުދެއްކޭނެ ކަމަށެވެ.

ފަނޑިޔާރު އަލީ ހަމީދު މުހައްމަދު ވިދާޅުވީ 3000 މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތައް އިލެކްޝަންސް ކޮމިޝަނުން އުވާލާފައި ވަނީ އެ ކޯޓުން ކުރި އަމުރަކާ ޚިލާފަށް ކަމަށެވެ.

އަލީ ހަމީދު ކުރެއްވި ސުވާލުގެ ޖަވާބުގައި ފުއާދު ވިދާޅުވީ ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ބަލާއިރު 3000 މެމްބަރުން ހަމަނުވާ ޕާޓީތައް ނުއުވޭނެ ކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ ދައުލަތުން ހުށަހެޅި މައްސަލައެއް ބެލުމަށްފަހު ސުޕްރީމް ކޯޓުން ކުރި ހުކުމެއްގައި ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކުރަން 10،000 މީހުންގެ ސޮއި ހޯދަންޖެހޭ ގޮތަށް ގާނޫނުގައި އޮތް މާއްދާ ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވާ ކަމަށެވެ.

އެ މާއްދާ ބާތިލް ކުރުމަށްފަހު، ޕާޓީ ރަޖިސްޓްރީ ކުރާއިރު ހުށަހަޅަންޖެހޭ އަދަދެއްގެ ގޮތުގައި ގާނޫނުގައި ކަނޑައަޅާފައި ވަނީ މާ ބޮޑު އަދަދެއް ކަމަށާއި ރައްޔިތުންގެ މަޖިލީހުން ގާނޫނަށް ގެންނަ އިސްލާހަކުން އެ އަދަދު ކުޑަކުރަންދެން، ކުރިން އަމަލުކުރަމުން ދިޔަ ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައި ބުނެފައިވާ ފަދައިން ޕާޓީ ރަޖިސްޓްރީ ކުރަން ހުށަހަޅަންޖެހޭނީ 3000 މީހުންގެ ސޮއި ކަމުގައި ބަލައިގަނެ ކުރިއަށް ގެންދިޔުމަށް އެ ހުކުމްގައި އަންގާފައިވާ ކަމަށް ފުއާދު ވިދާޅުވި އެވެ. އަދި އެ ކޮމިޝަނުން އަންނަނީ އެ ހުކުމަށް އަމަލު ކުރަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވި އިރު އިތުރު ޝަރީއަތުގެ އަޑުއެހުމެއް އޮންނާނެ ދުވަހެއް އުއްތަމަފަނޑިޔާރު އިއުލާން ކުރައްވާފައެއް ނުވެއެވެ.