އަންނަ މަހުގެ 22 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރަށް ވެހި ވެފައިވާ ރަށް ނޫން އެހެންތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތަކަށް ރެޖިސްޓްރީ ކުރުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ރީރެޖިސްޓްރީ ކުރުމުގެ ފުރުސަތު މާދަމާއިން ފެށިގެން މި މަހުގެ 28 ގެ ނިޔަލަށް ހުޅުވާލާނެ ކަމަށެވެ.

ރިޔާސީ އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލުމަށް ރީރެޖިސްޓްރީ ކޮށްފައިވިޔަސް، މަޖިލީހުގެ އިންތިހާބަށް އަލަށް ރީރެޖިސްޓްރީ ކުރަން ޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

މާލޭގައި ރީރެޖިސްޓްރޭޓް ކުރެވޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ރޭގަނޑު 10:00 އަށެވެ. ހުކުރު ދުވަހު ފޯމް ބަލައި ގަންނާނީ މެންދުރު ފަހު 2:30 އިން ރޭގަނޑު 10:00 އަށެވެ. ރީރެޖިސްޓްރޭޝަނަށް ހުށަހަޅާ ފޯމްތައް މާލެއިން ބަލައިގަންނާނީ ކުރީގެ ގޯޑައުން ހިންގި އިމާރާތުގެ ގްރައުންޑް ފުލޯއިންނެވެ.

ރަށް ރަށުގައި ފޯމް ބަލައިގަންނާނީ ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށެވެ. ރަށްރަށުގައި ރީރެޖިސްޓްރޭޝަނަށް ހުށަހަޅާ ފޯމް ބަލައި ގަންނާނީ އެ ރަށެއްގެ ކައުންސިލުންނެވެ. އައްޑޫ ސިޓީގައި ފޯމް ހުށަހަޅަންޖެހޭނީ އެ ސިޓީގެ އަވަށު އޮފީސްތަކަށެވެ.

ރާއްޖެއިން ބޭރުގައި ވޯޓުލުމަށް ރީރެޖިސްޓްރީ ކުރެވޭނީ ވޯޓު ފޮށި ބެހެއްޓުމަށް އިއުލާންކޮށްފައިވާ ތަންތަނުގެ ޑިޕްލޮމެޓިކް/ ކޮންސިއުލޭޓް އޮފީސްތަކުންނެވެ.

ރީރެޖިސްޓްރޭޝަނަށް އެކަކަށް އެންމެ ގިނައިން ހުށަހެޅޭނީ 10 މީހުންގެ ފޯމް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ. ސިޔާސީ ޕާޓީތަކުންނާއި ރިސޯޓުތަކުން ނުވަތަ އެފަދަ އެހެން ތަނަކުން ޒިންމާވާ ގޮތަށް، ފަހަރަކު ހުށަހެޅޭނީ 50 ފޯމް ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

މަޖިލިސް އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 240،000 ވުރެ ގިނަ މީހުންނެވެ.