އިކޮނޮމިކް މިނިސްޓްރީން ދޭ ހިދުމަތްތައް އަވަސް ކުރަން އެ މިނިސްޓްރީން ޗާޓަރެއް އެކުލަވާލައި މިއަދު އިފްތިތާހުކޮށްފި އެވެ.

"ކްލަޔަންޓް ޗާޓަރު"ގެ ނަމުގައި އެކުލަވާލާފައިވާ އެ ޗާޓަރު މިނިސްޓްރީގައި މިއަދު ބޭއްވި ހަފުލާއެއްގައި އިފްތިތާހުކޮށް ދެއްވީ ރައީސް އޮފީހުގެ މިނިސްޓަރު އަބުދުﷲ އަމީން އެވެ.

މިނިސްޓްރީން ބުނީ ޗާޓަރު އެކުލަވާލައި އެއަށް އަމަލުކުރުމުގައި މައިގަނޑު ތިން މަގުސަދެއް ހިމެނޭ ކަމަށެވެ. އެއީ ހިދުމަތް އަވަސްކުރުމާއި ހިދުމަތް ފަސޭހަކުރުމާއި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމެވެ.

މިއަދު އިފްތިތާހު ކުރި ޗާޓަރުގައި މިނިސްޓްރީގެ ހިދުމަތްތައް ވަނީ ކެޓަގަރައިޒްކޮށްފަ އެވެ. އެގޮތުން އެއް ދުވަހުގެ ތެރޭގައި ދޭން ކަނޑައަޅާ ހިދުމަތްތަކުން ފެށިގެން 35 ދުވަސް ތެރޭގައި ދޭނެ ހިދުމަތްތައް ފާހަގަކޮށްފައި ވެ އެވެ.

ހަފުލާގައި ވާހަކަފުޅު ދައްކަވަމުން އިކޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އާ ޗާޓަރާ އެއްގޮތަށް މަސައްކަތް ކުރަން ފެށުމުން މިނިސްޓްރީން ދޭ ހިދުމަތަށް ކުރިން ހޭދަވާ ވަގުތުގެ 50 ޕަސެންޓް މަދުކުރެވޭނެ ކަމަށެވެ.

"މިގޮތަށް މަސައްކަތް ކުރަން ފެށުމުން ހިދުމަތަކަށް ހޭދަވާ ވަގުތުގެ 50 ޕަސެންޓް މަދުކުރެވޭނެ. މާނައަކީ ކުރިން އެއްގަޑި އިރު ނަގާ ކަމަކަށް ދެން ނަގާނީ ބައިގަޑި އިރޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުގެ މަގުސަދަކީ ރާއްޖޭގެ ވިޔަފާރިވެރިންނަށް ވެސް ރަނގަޅު ފެންވަރެއްގައި ހިދުމަތް ދިނުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.