17 Feb 2014, 14:38
ބޮޑު ރަސްގެފާނު މަގުގައި "ގަލޮޅު ކަންމަތި" ސަރަހައްދުގައި ހުންނަ "ޑާލޭ" މާ ވިއްކާ ފިހާރަ ފަޅާލައި އެތަނުގައި ހުރި ބައެއް ތަކެތި ވަގަށް ގެންގޮސްފި އެވެ.
ޑާލޭ ފިހާރައިގެ ވެރިފަރާތް ކަމަށްވާ ހާމިދު ހުޒާމް މިއަދު "ސަން"އަށް ބުނީ، އެ ފިހާރަ ފަޅާލާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
"އަޅުގަނޑުމެން އާންމުކޮށް ފިހާރަ ހުޅުވަނީ، މެންދުރު. އެތަން ފަޅާލާފައި ހުރިކަން އެނގުނީ، މިއަދު މެންދުރު ފަހު، ފިހާރަ ހުޅުވަން ދިޔުމުން. އެތަނުގައި މާކަ ގިނަ އެއްޗިއްސެއް ނުހުންނާނެ. އެތަނުން ވަގަށް ނަގާފައިވަނީ 1000ރ. އާއި ލެޕްޓޮޕެއް،" ޑާލޭ ފިހާރައިގެ ވެރިފަރާތް ބުންޏެވެ.
ހުޒާމް އިތުރަށް ބުނީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ތަނުގައި ހުރި މުދާ ހޯދުމަށް ވުރެބޮޑަށް އެފަދަ އަމަލުތައް ހިންގާ މީހުން އަތުލައިގަތުމަށް ފުލުހުންނަށް އެއްބާރުލުން ދިނުމަށް ކަމަށެވެ.
"ހަގީގަތުގައި ތަނުން ގެއްލުނު މުދާ ހޯދުމަށްވުރެ ވެސް ބޮޑަށް އަޅުގަނޑުގެ ބޭނުމަކީ ކިތަންމެ ކުޑަ ކަމެއް ނަމަވެސް މިފަދަ ކަންތައް ހުއްޓުވުމަށް ފުލުހުންނަށް އެހީތެރިވެ އެއްބާރުލުން ދިނުން،" ހުޒާމް ބުންޏެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ޑާލޭ މާފިހާރަ ފަޅާލާފައިވާކަން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު މެންދުރު ފަހު 1:15 ކަންހާއިރު ކަމަށެވެ. އަދި އެމައްސަލަ މިހާރު ފުލުހުން އިތުރަށް ބަލަމުން ގެންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.