17 Dec 2010, 19:30
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރިޔަށް އޮތް ދޮޅުމަހެއްހާ ދުވަސް ތެރޭގައި އެޕާޓީގެ އިސް ވަފްދުތައް އެކި ޕްރޮވިންސްތަކަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީގެ ރަސްމީ ވެބްސައިޓުގައި ބުނަނީ، ވެރިކަން ކުރާ ޕާޓީ އެމްޑީޕީގެ ކެމްޕެއިން ޖަލްސާތައް ވަރަށް ފޯރިއާއެކު ކުރިއަށްދާ ކަމަށެވެ.
އެގޮތުން ރޭ އައްޑު އަތޮޅުގައި ޚާއްސަ ޖަލްސާއެއް ބާއްވާފައިވާ ކަމަށާއި އެ އަތޮޅުގައި އުފައްދާ ސިޓީ ކައުންސިލަށް ކުރިމަތިލާފައިވާ ހަ ކެންޑިޑޭޓުން ރަސްމީކޮށް ތައާރަފްކޮށްދީފައިވާ ކަމަށް އެމްޑީޕީން ބުނެފައި ވެއެވެ. އަދި މިރޭ ފުވައްމުލަކު ކައުންސިލްތަކަށް ކުރިމަތިލައްވާފައިވާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ޏ. އަތޮޅުގައި ވެސް ޚާއްސަ ޖަލްސާއެއް ބޭއްވި ކަމަށް ބުނެފައިވެ އެވެ.
އެ ދެ ޖަލްސާގައި ވެސް އެމްޑީޕީގެ ޗެއަރޕާސަން މާރިޔާ އަހްމަދު ދީދީ އާއި ކުރީގެ ފިޝަރީޒް މިނިސްޓާ ޑރ. އިބްރާހިމް ދީދީއާއި މާލޭ މުނިސިޕަލިޓީގެ ރައީސް ސަރަނގު އާދަމް މަނިކުގެ އިތުރުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ގިނަ މެންބަރުން ތަކެއް ބައިވެރިވެވަޑައިގެންވި އެވެ.