17 Feb 2014, 14:20
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބޭނުންކުރާނެ، ވޯޓާސް ލިސްޓް އިސްލާހު ކުރުމަށް ފަހުން އަލުން ގެޒެޓްކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ މި ލިސްޓަކީ 5 ފެބްރުއަރީގައި ގެޒެޓްކުރި ލިސްޓަށް ހުށެހެޅުނު ޝަކުވާތައް ބެލުމަށް ފަހު، އިސްލާހުކޮށް ގެޒެޓްކޮށްފައިވާ ލިސްޓެއް ކަމަށެވެ.
އިލެކްޝަނުން ބުނީ އިސްލާހުކޮށްފައިވާ ލިސްޓް އެކޮމިޝަންގެ ވެބްސައިޓުންނާއި ސަރުކާރުގެ ގެޒެޓުގަ އާއި މަޖިލީހުގެ އިންތިހާބާ ބެހޭ މައި މަރުކަޒުންނާއި ރަށު ކައުންސިލްތަކުގެ އިތުރުން އައްޑޫ ސިޓީގެ ކައުންސިލް އިދާރާ އިން ފެންނަން ހުންނާނެ ކަމަށެވެ.
ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މާލޭގައި ނަމަ މިއަދުގެ 6:00 ކަމަށާއި ރަށެއްގެ ކައުންސިލަކުން ނަމަ މިއަދުގެ ހަވީރު 3:00 ގެ ނިޔަލަށް ކަމަށް އިލެކްޝަނުން ބުންޏެވެ.
ވޯޓާސް ލިސްޓާ ބެހޭ ޝަކުވާތައް ހުށަހަޅަން ޖެހޭނީ ޝަކުވާ ފޯމް މެދުވެރިކޮށެވެ. ޝަކުވާ ފޯމް މާލޭގައި ނަމަ ބަލައިގަތުމަށް ހަމަޖައްސާފައިވަނީ އިލެކްޝަންސް ކޮމިޝަނުންގެ އިދާރާއިންނާއި ރަޖިސްޓްރޭޝަންގެ މައި މަރުކަޒުންނެވެ.
ޝަކުވާތައް ބަލައިގަތުމުގެ ކަންތައްތައް އަތޮޅުތަކުގައި ކުރިއަށްދާނީ ރަށު ކައުންސިލް އިދާރާއިން އަދި އައްޑޫގައި ނަމަ އައްޑޫ ސިޓީގެ އަވަށު އޮފީހުން ކަމަށް ވެސް އިލެކްޝަނުން ބުންޏެވެ.