ގާނޫނީ ގޮތުން އިންތިހާބު ކުރެވޭ މަގާމަކަށް ކުރިމަތިލައްވާފައި ވާތީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމުން ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ ވަކިވެފައިވާ ކަމަށް ވިދާޅުވެ އެ ކޮމިޝަނުގެ ރައީސް އާދަމް މުހައްމަދު އަބްދުﷲ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ސިޓީއެއް ފޮނުވައިފި އެވެ.

ޖޭއެސްސީގެ ވެބްސައިޓުގައި މިއަދު ބުނެފައި ވަނީ ގާނޫނީ ގޮތުން އިންތިހާބު ކުރެވޭ މަގާމަކަށް ކުރިމަތިލައިފި ނަމަ އެމީހަކު މެންބަރުކަމުން ވަކިވާނެ ކަމަށް ޖޭއެސްސީގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް އާދަމް މުހައްމަދުގެ ސިޓީގައި ބުނެފައިވާ ކަމަށެވެ.

"ކަންއޮތީ މިދެންނެވި ގޮތުގެ މަތިން ކަމަށް ވާއިރު 22 މާރޗް 2014ގައި ބޭއްވުމަށް ހަމަޖެހިފައިވާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފ. ބިލެއްދޫ ދާއިރާގެ މެންބަރުކަމަށް އެދާއިރާގެ މިހާރުގެ މެންބަރު އަލްއުސްތާޒު އަހުމަދު ހަމްޒާ ކުރިމަތިލައްވާފައިވާކަން އިލެކްޝަންސް ކޮމިޝަނުން މި ކޮމިޝަނަށް ފޮނުވާފައިވާ ނަންބަރު (ސިޓީގެ ނަންބަރު) ސިޓީއިން ވަނީ އަންގަވާފައި،" އެ ސިޓީގައި ބުނެފައިވާ ކަމަށް ވެބްސައިޓުގައިވެ އެވެ.

ޖޭއެސްސީގެ ވެބްސައިޓުގައި ބުނެފައި ވަނީ އެ ކޮމިޝަނުގެ މެންބަރު ކަމަށް ހުންނަވައި ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމުން ކޮމިޝަނުން ގާސިމް އިބްރާހިމް ވަކިވެފައިވާ ކަމަށް ބުނެ އެ ކޮމިޝަނަށް މަޖިލީހުން އެ އިރު ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.