17 Feb 2014, 14:02
ނިއުރޭޑިއަންޓްގެ ކުރީގެ މިޑްފިލްޑަރު ޝަމްވީލް ގާސިމް (ބޮންޑާ) އާއި މާޒިއާއަށް ކުޅެމުންދިޔަ މުހައްމަދު ރަޝީދު (ހޮކޭ) ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް މިއަދު ސޮއިކޮށްފި އެވެ.
ނިއު އިން ބުނީ، އެ ދެ ކުޅުންތެރިން އެ ކްލަބަށް ސޮއިކޮށްފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ކަމަށެވެ.
ގައުމީ ޓީމުގެ ކުރީގެ ތަޖްރިބާކާރު ފޯވަޑް ބޮންޑާ، 2012 އަހަރުގެ ނޮވެމްބަރުގައި ކުލަބް ވެލެންސިޔާއާ އަށް ކުޅުނު ނަމަވެސް މުސާރައިގެ މައްސަލައިގައި އެ ކްލަބު ދޫކޮށް މިދިޔަ ސީޒަންގެ ޖޫން މަހުގެ ތެރޭގައި ވަނީ ވީބީ އައްޑޫ އެފްސީއަށް ސޮއިކޮށްފަ އެވެ.
ގައުމީ ޓީމްގެ ޒުވާން ޑިފެންޑަރު ހޮކޭ ވެސް ކުރިން ފެނިފައިވަނީ ވެލެންސިއާއިންނެވެ. ނަމަވެސް މުސާރައިގެ މައްސަލާގައި އެ ކްލަބް ދޫކޮށް ހޮކޭ ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި މާޒިޔާ ސްޕޯޓްސް ކްލަބަށް ބަދަލުވެފަ އެވެ.
ނިއު އިން ބުނީ، އެ ދެ ކުޅުންތެރިން ކްލަބާއި ގުޅުމުން ކްލަބު އިތުރަށް ވަރުގަދަވާނެ ކަމަށެވެ.
ނިއު އަށް މިއަދު ދެ ކުޅުންތެރިން ސޮއިކޮށްފައިވާއިރު އެ ކުލަބުން ވަނީ، މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ގެނައި ގާނާގެ ފޯވާޑް އިވާން ރުސް މެންސާ އާއި އެ ކްލަބަށް މިދިޔަ ސީޒަންގައި މާޒިޔާއިން ގެނައި މިޑްފީލްޑަރު އިސްމާއީލް އީސާ (މެސީ) ދޫކޮށްލާފަ އެވެ.