ހުޅުމާލޭގައި މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލު އެޅުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ސަރުކާރުން ކުރި އިއުލާނާއި ގުޅިގެން 10 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

އިކޮނޮމިކް ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި އިކޮނޮމިކް މިނިސްޓަރު މުހަންމަދު ސައީދު ވިދާޅުވީ ހުޅުމާލޭގައި ހޮސްޕިޓަލް އިމާރާތް ކުރުމަށް ރާއްޖެ އިން ބޭރުގެ ފަސް ކުންފުންޏަކާއި ރާއްޖޭގެ ފަސް ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

ޝައުގުވެރިކަން ފާޅުކޮށްފައިވާ ބޭރުގެ ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ، މެލޭޝިޔާ ކުންފުންޏަކާއި ޖަރުމަނުވިލާތުގެ ކުންފުންޏަކާއި އަދި އިންޑިޔާގެ ދެ ކުންފުންޏެއްގެ އިތުރުން ޕާކިސްތާނުގެ ކުންފުންޏެއް ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

އެ ނިއުސްކޮންފަރެންސްގައި ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ވިދާޅުވީ ހޮސްޕިޓަލު އެޅުމަށް ބޭރުގެ ގިނަ ކުންފުނިތަކަކުން ޝައުގުވެރިކަން ފާޅުކުރުމުން ކުރިއަށް އޮތްތަނުގައި ވެސް ރާއްޖޭގައި އިންވެސްޓްކުރުމަށް ބޭރުގެ ކުންފުނިތަކުން ޝައުގުވެރިވާނެ ކަން އެނގިގެން ހިނގައްޖެ ކަމަށެވެ.

"އަޅުގަނޑުމެން ހުށަހަޅާލި ހުށަހަޅާލުމަށް ފުދޭވަރަކަށް ގިނަ ރިކުއެސްޓް މިއޮތީ އައިސްފައި. މިކަމާއި އަޅުގަނޑުމެން ވަރަށް ބޮޑަށް އުފާކުރަން. އެންމެ ބޮޑުކަމަކީ މުސްތަގުބަލުގައި އަޅުގަނޑުމެން ކުރަންހުރި ކަންކަމަށް ވެސް ބޭރުގެ ކުންފުނިތަކުގެ ޝައުގުވެރިކަން އެބަހުރިކަން އެނގެން ހިނގައްޖެ. ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކުރަން ޝައުގުވެރިކަން އެބަހުރިކަން އެނގިއްޖެ،" ޝަކީލާ ވިދާޅުވި އެވެ.

މިނިސްޓަރު ޝަކީލާ ވިދާޅުވީ އެ ހޮސްޕިޓަލާއެކު ރާއްޖެ އިން މީގެ ކުރިން ފަރުވާ ނުދެވޭ ބަލިތަކަށް ފަރުވާ ދިނުމުގެ ހިދުމަތްތައް ތައާރަފް ކުރާނެ ކަމަށެވެ.

"އެކި އެކި ދިމާލުން މިހާރު ރާއްޖޭގައި ލިބެމުންނުދާ ހުރިހާ ހިދުމަތެއް އަޅުގަނޑުމެން މިބަލަނީ،" ޝަކީލާ ވިދާޅުވި އެވެ.

ރާއްޖޭގައި ފުރަތަމަ އަޅާ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލަކީ 337 އެނދުގެ ހޮސްޕިޓަލެކެވެ.