17 Feb 2014, 13:23
އިތިއޯޕިއާގެ ވެރިރަށް އެޑިސް އަބާބާއިން އިޓަލީގެ ރޯމަށް އިއްޔެ ދަތުރުކުރި މަތިންދާބޯޓެއް ބަޔަކު ހައިޖެކްކޮށް، ސުވިޒަލޭންޑްގެ ޖެނީވާއަށް ތިރިކުރުވައިފި އެވެ.
ރޮއިޓާސް ބުނީ އިތިއޯޕިއަން އެއާލައިންގެ އީޓީ 702 ނަމްބަރު މަތިންދާބޯޓް ޖެނީވާގެ އިންޓަނޭޝަނަލް އެއާޕޯޓަށް ތިރިކުރީ އެ އެއާޕޯޓްގެ މަތީގައި އެތައް ބުރެއް ޖެހުމަށް ފަހުގައި ކަމަށެވެ. އަދި ބުނީ ޖެނީވާގެ އެއާޕޯޓަށް އެބޯޓް ޖެއްސުމުން، ސުވިޒަލެންޑް ފުލުހުން ހައިޖެކަރު ހައްޔަރުކޮށް ބޯޓުން ދަތުރުކުރި ޕަސެންޖަރުން ސަލާމަތްކޮށްފައިވާ ކަމަށެވެ.
އިތިއޯޕިއާ ސަރުކާރުގެ ތަރުޖަމާނު ރިޟުވާނު ހުސައިން ވިދާޅުވި ކަމަށް ރޮއިޓާސް ބުނީ މަތިންދާ ބޯޓް ހައިޖެކް ކުރި މީހުން ނުވަތަ މީހާ ބޯޓަށް އަރާފައި ވަނީ ސޫދާނުގެ ވެރިރަށް ޚަރުތޫމްގައި ބޯޓް މަޑުކުރި ވަގުތުގައި ކަމަށް ބެލެވޭ ކަމަށެވެ.
"އެއީ ކޮން ތަނެއްގެ ބައެއް ކަމެއް، ކިތައް މީހުން ކަމެއް އަހަރެމެންނަކަށް ނޭނގޭ. އެމީހުން ބޯޓަށް އެރީ ޚަރުތޫމުން ކަމަށް ވެދާނެ،" ރިޟުވާނު ވިދާޅުވި ކަމަށް ރޮއިޓާސް ބުންޏެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އިތިއޯޕިއާގެ ބޯޓުން ހައިޖެކް ކުރި ކަން އިނގޭ ގޮތަށް ޑިސްޓްރެސް ސިގްނަލް ފޮނުވި އިރުގައި އެބޯޓު އުދުހެމުން ދިޔައީ ސޫދާނުގެ މަތިންނެވެ.