17 Feb 2014, 13:21
ކ. މާފުށި ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުން ނިދާ ބްލޮކުން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެހިތަކެއް ފެނިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެހިތަކެއް ފެނިފައި ވަނީ މާފުށި ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުން ނިދުމަށް ބޭނުންކުރާ 5 ނަމްބަރު ބްލޮކްގެ އަލަމާރިއެއްގެ ތެރޭގައި ހުރި އެންކަލް ބުޓެއްގެ ތެރެއިން ކަމަށެވެ.
އޭގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ތިން ޕެކެޓާއި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ. ނަމަވެސް އެތަކެތި އެތަނުގެ ތެރެއަށް އެތެރެވާން ދިމާވި ގޮތް ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިދަނީ އެތަކެތި އެތަނުގެ ތެރެއަށް އެތެރެވި ގޮތް ބަލަމުން،" އޮފިޝަލް ވިދާޅުވި އެވެ.
ކަރެކްޝަނަލް ސާވިސް އިން ހުށަހެޅި މި މި މައްސަލަ ތަހުގީގު ކުރަނީ ކ. މާފުށި ޕޮލިސް ސްޓޭޝަނުންނެވެ.