17 Feb 2014, 13:16
އުތުރުގެ ހަތަރު އަތޮޅެއްގެ ކުނި އުފުލުމަށާއި އަރިއަތޮޅުގެ ކުނި އުފުލުމަށް ދެ ބާޖު ބަނުމަށް ޓްރޮޕިކް އިންވެސްޓްމަންޓާ ހަވާލުކޮށްފި އެވެ.
އެންވަޔަރަމަންޓް މިނިސްޓަރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ ދެ ބާޖު ބަނުމުގެ އެއްބަސްވުމުގައި އެންވާރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތޯރިގް އިބްރާހިމެވެ. ދެ ބާޖު ބަނުމުގެ މަޝްރޫއު ހަވާލުކުރި ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖަރު ޖެނީ ވެޓިގާ މުފީދު އެވެ.
ސޮއިކުރުމަށް ފަހު ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ މިއަދު ބަނުމަށް ހަވާލުކުރި އެއް ބާޖަކީ ވޯލްޑް ބޭންކްގެ އެހީގައި ރާއްޖޭގައި ހިންގަމުން އަންނަ މޯލްޑިވްސް އެންވަޔަރަމަންޓަލް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން އުތުރުގެ ނ، ރ، ބ، އަދި ޅ. އަތޮޅުގެ 45 ރަށަކުން އުފެދޭ ކުނި ރ. ވަންދޫގައި ގާއިމްކުރާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީ އަށް އުފުލުމަށް ޓަކައި ބަންނަ އުޅަނދެއް ކަމަށެވެ.
އަނެއް ބާޖަކީ ކްލައިމެޓް ޗޭންޖް ޓްރަސްޓް ފަންޑުގެ ދަށުން ހިންގާ އަރިއަތޮޅު ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން އަރިއަތޮޅުގެ ރަށްރަށުން ކުނި ތިލަފުއްޓަށް އުފުލުމަށް ބޭނުންކުރާނެ އުޅަނދެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ތޯރިގް ވިދާޅުވީ ކޮންމެ ބާޖެއްގެ އަގަކީ 7.6 މިލިއަން ރުފިޔާ ކަމަށާއި އެ ދެ ބާޖު ވެސް 10 މަސް ދުވަހުގެ ތެރޭގައި ބަނދެ ނިންމައި މިނިސްޓަރީއާ ހަވާލުކުރާނެ ކަމަށެވެ. އެގޮތުން އެ ދެ ބާޖުގެ ހިދުމަތް އެ ސަރަހައްދުގެ ރަށްރަށަށް އަންނަ އަހަރުގެ ކުރީކޮޅު ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ކުނި މެނޭޖްކުރުމުގެ ވަސީލަތްތައް ރ. ވަންދޫއަކީ ގާއިމްކުރުމަށް ސަރުކާރުން ފަށާފައި ވަނީ 2010 ވަނަ އަހަރު އެވެ. އެގޮތުން އެ ޕްރޮޖެކެޓްގެ 85 ޕަސެންޓް މިހާރު ނިމިފައިވާ އިރު މި ހަފްތާ ތެރޭގައި އެ ތަނުގައި ބަހައްޓާ އިންސިނެރޭޓަރު ގާއިމުކުރުމަށް ޖަރުމަނުގެ ކުންފުންޏަކާއި އެކުގައި އެއްބަސްވުމަކަށް އާދެވޭނެ ކަމަށް އެމްއީއެމްޕީ ބުންޏެވެ.