ޑީއާރްޕީ ތެރޭގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ނުކުރާ ކަމަށާއި އެއްވެސް ޕާޓީއެއްގެ ދާޚިލީ މައްސަލައެއްގެ ތެރެއަށް ވަދެ ބަސް ބުނުމަށް މަސައްކަތް ނުކުރާ ކަމަށް ޕީޕަލްސް އެލައަންސް (ޕީއޭ) އިން ބުނެފި އެވެ.


މައި އިދިކޮޅު ޕާޓީ ޑީއާރްޕީއާއެކު ކޯލިޝަން ހަދާފައިވާ ޕީއޭން މިއަދު ނެރެނު ނޫސް ބަޔާނެއްގައި ބުނަނީ، އެހެން ސިޔާސީ ޕާޓީތަކުގެ ދާހިލީ ކަންކަމުގައި ގޮތްކިޔައި އަދި ހަމަނުޖެހުން އުފެއްދުމަކީ އެ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށެވެ. އަދި ޣިއާސުއްދީން ސްކޫލްގައި ބޭއްވި ޑީއާރްޕީގެ ޖަލްސާގައި ހިންގި ހަމަނުޖެހުމަކީ ޕީއޭން ރާވައިގެން ކުރުވި ކަމެއް ކަމަށް ދޭހަވާ ފަދަ ގޮތަކަށް ޑީއާރްޕީގެ އިސް ބޭފުޅުން ދައްކަވާ ވާހަކަތަކާ މެދު ހިތާމަ ކުރާ ކަމަށް ވެސް އެބަޔާނުގައި ވެއެވެ.


"... ދިއެފްއެމްގެ ވަންޓުވަން ޕްރޮގޮރާމެއްގައި ޑީއާރުޕީގެ ނާއިބު ލީޑަރު އަލީ ވަހީދު މި ޕާޓީއަށް ކުރައްވާފައިވާ ތުހުމަތަކީ ހައްގު ތުހުމަތެއް ނޫންކަމުގައި ދަންނަވަމެވެ. މިޕާޓީއަކީ ޑީއާރުޕީއާއެކީ ކޯލިޝަނެއްގައި މަސައްކަތް ކުރަމުންދާ ޕާޓީއަކަށް ވެފައި ސަރުކާރު ޖަވާބުދާރީ ކުރުމަށް އިދިކޮޅޮ ފަރާތްތަކުން ކުރާކޮންމެ ކަމެއްގައި ބައިވެރި ވުމުގެ ސިޔާސަތު ގެންގުޅޭ ބަޔަކަށް ވާތީ، ޑީއާރުޕީގެ ގިނަ އެއްވުންތަކުގައި މިޕާޓީގެ ލީޑަރޝިޕުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުނަނާއި އާއްމު މެމްބަރުންވެސް ބައިވެރި ވަމުން އައިސްފައި ވެއެވެ." ޕީއޭގެ ބަޔާނުގައި ބުނެފައި ވެއެވެ.


ޕީއޭން ބުނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ޣިއާސުއްދީންގައި ބޭއްވި ޑީއާރުޕީގެ ޖަލްސާގައިވެސް އެ ޕާޓީގެ މަޖިލީސް މެމްބަރުންނާއި ޢާއްމު ބައެއްފަރާތްތަކުން ބައިވެރިވި ކަމަށެވެ. "އެހެންނަމަވެސް، އެއްވެސް ބައެއްގެ ދާޚިލީ މައްސަލައެއްގެ ތެރެއަށް ވަދެ ބަސްކިޔާ ހަމަނުޖެހުން އުފައްދަން މަސްއްކަތް ކޮށްފައި ނުވާނެ" ކަމަށް އެބަޔާނުގައި ވެއެވެ.


އޭގެ އިތުރުން ޑީއާރުޕީ އަށް އަންނަ ކޮންމެ އުނިކަމަކީ ޕީއޭ އަށް އަންނަ އުނިކަމެއް ކަމަށް އެބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.


"..ޑީއާރުޕީ އަކީ އިދިކޮޅު އެއްމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވެ އަދި މިޕާޓީއާއި ތަފާތު ގޮތްގޮތުން ވަރަށް ގާތްގުޅުމެއް އޮންނަ ޕާޓީ އަކަށްވާތީ ޑީއާރުޕީ އަށް އަންނަ ކޮންމެ އުނިކަމަކީ މިޕާޓީން އެކަމާ ކަންބޮޑުވެ ސަރުކާރު ޖަވާބުދާރީ ކުރުވަން ކުރެވޭ މަސައްކަތްތަކަށް އަންނަ އުނިކަމެއްގެ ގޮތުގައި ދެކެމެވެ."