17 Feb 2014, 12:38
މާލޭ ނޯތު ހާބަރުގެ ނަން "މީރުބަހުރު ބަނދަރު" އަށް ބަދަލުކޮށް ކަރަންޓާއި ފެނުގެ ހިދުމަތް ދޭން މިއަދު ފަށައިފި އެވެ.
މީރުބަހުރު ބަނދަރަށް ކަރަންޓާއި ފެނުގެ ހިދުމަތް ދިނުމުގެ އިތުރުން އީ ސެންޓަރެއް ހުޅުވައި ފިހާރަތަކެއް ހުޅުވުމަށް ވެސް ވަނީ ކޮންޓްރެކްޓް ކޮށްފަ އެވެ.
އީސެންޓަރުގެ ހިދުމަތް ހިލޭ ދިން ނަމަވެސް ފެނާއި ކަރަންޓުގެ ހިދުމަތް ދިނުމަށް ހަމަޖައްސާފައި ވަނީ އަގެއް ނަގައިގެންނެވެ.
ނޯތު ހާބަރުގެ ނަން ބަދަލުކޮށް، އާ ހިދުމަތްތަކެއް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމް ވިދާޅުވީ "މީރުބަހުރު" މި ނަމަކީ ވަރަށް އުފެއްދުންތެރި، ފުރިހަމަ ނަމެއް ކަމަށެވެ.
"މިއަދުން ފެށިގެން ބަނދަރުގެ ނަން އަޅުގަނޑު އިއުލާނު ކުރަން. އާދެ، މި ބަނދަރުގެ ނަމަކީ މީރުބަހުރު ބަނދަރު. ރާއްޖެގައި މީގެ ކުރިން ވެސް އެކިއެކި މަސައްކަތް ކުރާ އެކިއެކި މީސްމީހުންނަށް ވަރަށް ހާއްސަ ނަންތައް ކިޔާފައި އެބަހުރި. ބަނދަރުމަތި ބަލަހައްޓައި، ރާއްޖެއަށް އަންނަ ރާއްޖެއިން ފުރާ އުޅަނދުފަހަރާ ބެހޭ މައުލޫމާތު އެއްކުރާ ފަރާތަކީ މީރުބަހުރު،" އަމީން ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ރަސްމިއްޔާތަށް ވަޑައިގެންނެވި ޓޫއަރިޒަމް މިނިސްޓަރު އަހުމަދު އަދީބް ވިދާޅުވީ މީރުބަހުރު ބަނދަރު ހިންގާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މަސައްކަތް ކޮންމެހެން ވެސް ފުޅާ ކުރަން ޖެހޭ ކަމަށާއި ޕެސަންޖާ ލައިންތައް މާލެއަށް ގެނެވޭނެ ޓާމިނަލެއް ވެސް ހަދަންޖެހޭ ކަމަށެވެ.
"(މަސައްކަތް ފުޅާ ކުރުމަށް ކުރާ) ކަމަކީ އެމްޕީއެލްގެ މުޅި ޕޯޓުގެ އެކްސްޓެންޝަނެއްގެ ގޮތުން ރިލޮކޭޓް ކުރުން ކަމަށްވިޔަސް އަދި ހަމަ އެހެންމެ އޭގެ އިތުރުން އަޅުގަނޑުމެން ދެކޭ ގޮތުގައި އެމްޕީއެލްއާ އެކީ އަޅުގަނޑުމެން ޖެހޭ މި މާލެއަށް ޕެސެންޖާ ލައިންތައް ގެނެވޭނެ ޓާމިނަލެއް ވެސް ގެންނަން،" އަދީބް ވިދާޅުވި އެވެ.
އަދީބް ވިދާޅުވީ އެމްޕީއެލް އާއި މާލޭ ޕޯޓް ފުޅާ ކުރުމުގެ ޕްލޭންތައް ވަރަށް އަވަހަށް ފަށާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
"އެމްޕީއެލް އާއި މާލެ ޕޯޓް ފުޅާ ކުރުމުގެ ޕްލޭންތައް އަދި ހަމަ އެހެންމެ އިގްތިސާދީ ކައުންސިލާއި ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެން ކުރަން ޖެހޭ ކަންތައް ވަރަށް އަވަސް މުސްތަގްބަލެއްގައި ކުރާނެ ކަމުގެ ޔަގީންކަން ވެސް އަޅުގަނޑު އަރުވަން." އަދީބް ވިދާޅުވި އެވެ.
ސަރުކާރުގެ ވައުދުތައް ފުއްދުމަށާއި އޮމާންކަމާއެކު ސަރުކާރު ހިންގުމަށް ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ ވިސްނުމާ އެއްކޮށް މަސައްކަތްކޮށް ސަރުކާރަށް އެއްބާރުލުން ދޭނެ މެންބަރުން ތިބުމަކީ މުހިންމު ކަމެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އަމީން އަދި ޓުއަރިޒަމް މިނިސްޓަރު އަދީބް ވެސް ފާހަގަ ކުރެއްވި އެވެ.