17 Feb 2014, 12:22
މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ގެނައި ގާނާގެ ފޯވާޑް އިވާން ރުސް މެންސާ އާއި އެ ކްލަބަށް މިދިޔަ ސީޒަންގައި މާޒިޔާއިން ގެނައި މިޑްފީލްޑަރު އިސްމާއީލް އީސާ (މެސީ) ދޫކޮށްލައިފި އެވެ.
ނިއު އިން ބުނީ، އެ ދެކުޅުންތެރިން ދޫކޮށްލީ މެނޭޖުމަންޓުން އެގޮތަށް ބޭނުންވެގެން ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި، ރާއްޖޭގެ ޗެމްޕިއަންސް މިއަހަރުގެ ސީޒަނާ ކުރިމަތިލާއިރު ކުލަބު ވަރުގަދަ ކުރުމަށް ގެނައި، 25 އަހަރުގެ ގާނާ ފޯވާޑް ދޫކޮށްލަން ނިންމީ، ކްލަބުން އުންމީދުކުރިވަރާ ގާތަށް ވެސް އެ ކުޅުންތެރިޔާއަށް ފެންވަރު ދައްކާލެވިފައި ނުވާތީ އެވެ.
އިވާން ނިއުރޭޑިއަންޓާ ގުޅުނީ މިދިޔަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު، ތައިލެންޑުގެ ޑިވިޝަން އެކެއްގެ ކްލަބެއް ކަމަށްވާ ޗިއަންގްމާއި އެފްސީ އިންނެވެ.
ނިއުގެ ބޯޑު މެންބަރު އަހްމަދު ޒަރީރު (ޒައްރެ) "ސަން" އަށް މިއަދު ވިދާޅުވީ، އިތުރު ބިދޭސީ ކުޅުންތެރިއަކު ގެންނަން އަދި ނިންމާފައި ނުވާ ކަމަށާއި އެހެން ނަމަވެސް ދޫކޮށްލި ކުޅުންތެރިންގެ ބަދަލުގައި ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
"މިމަހުގެ 19 ވަނަ ދުވަހު އެބަޖެހޭ އޭއެފްސީ ކަޕްގައި ބައިވެރިކުރާ ފައިނަލް ޓީމް ލިސްޓް ފޮނުވަން. އެހެންވީމަ، އެ މުބާރާތް ފެށުމުގެ ކުރިން އިތުރު ބިދޭސީ ކުޅުންތެރިއަކު ގެންނާކަށް އަދި ކްލަބުން ނުވިސްނާ،" ޒައްރެ ވިދާޅުވި އެވެ.
ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުރިން ކުޅުނު ޑިފެންޑަރު ޕެރޭޒް ގާސިއާގެ އިރުޝާދުގެ ދަށުން ދިވެހި ލީގާއި، ޕްރެޒިޑެންޓް ކަޕް މިލްކުކުރާށާއި އަދި އޭއެފްސީ ކަޕްގައި ރަނގަޅު ނަތީޖާއެއް ނެރުމަށް ނިއުއިން ތައްޔާރުވަމުންދާއިރު އެކްލަބު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ސީޝެލްސްގެ ޓީމަކާ ދެކޮޅަށް ކުޅުނު މެޗުން ވަނީ، 3-1 އިން ބަލިވެފަ އެވެ.