ކ. މާފުށީ ބަނދަރު ސަރަހައްދުގައި ބަނގުރާ ބޯން ތިބި ބަޔަކު މަސްތުވާ ތަކެއްޗާ އެކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ފަސް ފިރިހެނުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 36 އަހަރުގެ މީހަކާއި 19 އަހަރުގެ ދެ ޒުވާނުންނާއި، 18 އަހަރުގެ ޒުވާނެއްގެ އިތުރުން އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ.

ފުލުހުން ބުނީ މި މީހުން ހައްޔަރުކުރީ ރޭ ދަންވަރުގެ ވަގުތެއްގައި ކ.މާފުށީ ބަނދަރު ސަރަހައްދުގައި މަސްތުވާތަކެތި ބޭނުންކޮށް، ބަނގުރާ ބޯން ތިބި ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މި އޮޕަރޭޝަނުގައި ފުލުހުން އެސަރަހައްދަށް ދިޔައިރު މި މީހުން ތިބީ މިތަކެތި ބޭނުން ކުރަން ކަމަށާއި ފުލުހުން އެސަރަހައްދަށް ގޮސް ބަލައި ފާސްކުރިއިރު އެމީހުން ތިބި ސަރަހައްދުން ނުކަނޑާ ހުރި ޓައިގާ ބްރޭންޑުގެ ދެ ބިޔަރު ފުޅިއާއި، މެދާ ހަމައަށް ހުރި ޓައިގާ ބްރޭންޑުގެ ދެ ފުޅި ބިޔަރާއި، ހުސްކޮށްފައި ހުރި ޓައިގާ ބްރޭންޑުގެ ހަތަރު ފުޅިއާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހާކާފައި ހުރި ސެލޯފިން ކޮޅެއްގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އެކުލެވޭ ބިޑިއެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެ މައްސަލަ ކ.މާފުށީ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުގީގު ރަމުން ކަމަށެވެ.