އިނގިރޭސި އެފްއޭކަޕްގައި ރޭ ލިވަޕޫލް އަތުން 1-2 އިން މޮޅުވެ، އާސެނަލް އެ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގައެއް ހޯދައިފި އެވެ.

ޕްރިމިއާ ލީގުގައި އެންމެ ފަހުން އެ ދެ ކްލަބު ބައްދަލުކުރި މެޗުގައި، ލިވަޕޫލް އަތުން އާސެނަލް ބަލިވެފައިވާއިރު، އާސެނަލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު އެ މެޗުން އާސެނަލް ވަނީ ލިވަޕޫލް އަތުން ރަނގަޅު ބަދަލުހިފުމެއް ހިފާފަ އެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު އެ މެޗުގައި އާސެނަލްއަށް ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ، މެޗުގެ 16 ވަނަ މިނެޓުގައި އިންގްލޭންޑުގެ ޒުވާން މިޑްފީލްޑަރު އެލެކްސް އޮކްސްލޭޑް ޗެމްބާލައިން އެވެ. އަދި މެޗުގައި އާސެނަލްއަށް ލީޑް ފުޅާކޮށްދިނީ، މެޗްގެ ދެވަނަ ހާފް ފެށިގެން ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ޖަރުމަނުގެ ފޯވާޑް ލުކަސް ޕޮޑަލްސްކީ އެވެ.

ރޭގެ މެޗްގައި ލިވަޕޫލުން ކާމިޔާބު ކުރި ހަމައެކަނި ލަނޑު އެ ކްލަބަށް ކާމިޔާބު ކޮށްދިނީ، ޕްރިމިއާ ލީގްގައި އެންމެ ފަހުން ފުލަމް އާއި ދެކޮޅަށް ކުޅުނު މެޗްގައި މޮޅުވި ލަނޑު ލިވަޕޫލަށް ކާމިޔާބުކޮށްދިން އިންގްލޭންޑުގެ އިތުބާރު މިޑްފީލްޑަރު ސްޓީވަން ޖެރާޑް އެވެ. ޖެރާޑް އެ ލަނޑު ލިވަޕޫލަށް ކާމިޔާބު ކޮށްދިނީ މެޗުގެ 60 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުންނެވެ.

ލިވަޕޫލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި އެ ކްލަބުގެ ފަރާތުން 15 ހަމަލާއެއް ގޯލަށް ފޮނުވާލިއިރު ހަތް ބޯޅައެއްވަނީ ގޯލަށް އަމާޒުކޮށްފަ އެވެ. އާސެނަލް އިން މެޗުގައި ލިވަޕޫލްގެ ގޯލަށް އަށް ހަމަލާއެއް ފޮނުވާލާފައިވާއިރު ގޯލާ އަމާޒުވެފައިވަނީ އެންމެ ތިން ބޯޅައެވެ.

އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުން އާސެނަލް ޖާގަ ހޯދިއިރު އެ ކްލަބުން ކުއާޓާ ފައިނަލުގައި ބައްދަލުކުރާނީ ސްވާންސީ 1-3 އަކުން ބަލިކޮށް ކުއާޓާ ފައިނަލުން ޖާގައެއް ހޯދި އެވަޓަން އާއެވެ. އެ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އަށްވަނަ ދުވަހު އެވެ.