ގާނޫނީ ވަކީލު އަހްމަދު ނަޖީބު މަރާލި ކަމުގެ ކުށް ސާބިތުވެ މެރުމަށް ހުކުމްކޮށްފައިވާ މ. މަސްރޫރާ އަހްމަދު މުއްރަތު ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހަށް ދީފައިވާ ހުރިހާ ބަޔާންތަކަށް ހައިކޯޓުގައި މިއަދު އިންކާރުކޮށްފި އެވެ.

ހައިކޯޓުގައި މިއަދު ބޭއްވި އިސްތިއުނާފު ޝަރީއަތުގެ މަޖިލީހުގައި މުއްރަތު ބުނީ ދައުލަތުން އޭނާގެ މައްޗަށް ކުރި ދައުވާ އަށާއި އަދި ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހަށް ދީފައިވާ ބަޔާންތަކަށް ވެސް އިންކާރުކުރާ ކަމަށެވެ.

"ދައުވާ އަށް އަޅުގަނޑު އިންކާރުކުރަން. ބަޔާންތަކަށް ވެސް އިންކާރު ކުރަން،" މުއްރަތު ބުންޏެވެ.

މުއްރަތުގެ ގާނޫނީ ވަކީލު އަބްދުލްހަކީމް ރަޝާދު ވިދާޅުވީ ގަސްދުގައި ނަޖީބު މަރާނުލާ ކަމަށް ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި މުއްރަތު ބުނެފައިވާ ކަމަށެވެ. އަދި މުއްރަތު، ނަޖީބު މަރާލި މަންޒަރު ދުށް އެއްވެސް މީހަކު ނެތް ކަމަށާއި އެހެންކަމުން ކްރިމިނަލް ކޯޓުގައި ވެފައިވާ އިއުތިރާފުން މުއްރަތަށް ރުޖޫއަވެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަހްމަދު ނަޖީބު ގަސްދުގައި މަރާނުލާ ކަމަށް މުއްރަތު ވަނީ ބުނެފައި. މުއްރަތު، އަހްމަދު ނަޖީބު މަރާލި މަންޒަރު ދުށް އެއްވެސް މީހަކު ނެތުމުން އިއުތިރާފުން އޭނާ އަށް ރުޖޫއަވެވޭނެ. އެއީ ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން މުއްރަތަށް ތިބިގެންވާ ހައްގެއް،" ވަކީލު ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ކުށަށް އިއުތިރާފުވި އިރު މުއްރަތުގެ ދެ އަތް ފުރަގަހަށް ލައި ބިޑި އަޅުވާފައި ހުރުމުން އޭނާ ހުރީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލު އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓާ އާދަމް އާރިފް ވިދާޅުވީ މުއްރަތުގެ ފަރާތުން ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހަށް ދެ ފަހަރު ދީފައިވާ ބަޔާނުގައި ފުށުއެރުންތަކެއް ހުރި ކަމަށެވެ. އަދި އެ ބަޔާންތަކަށް ޖަވާބުދާރީވުމަށް އޭނާ ވަނީ ފުރުސަތަކަށް އެދިވަޑައިގެންފަ އެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވައިލެއްވީ މުއްރަތުގެ ފަރާތުން ހުށަހެޅި ބަޔާންތަކަށް ޖާވާބުދާރީވުމަށް ދައުލަތަށް ފުރުސަތު އެރުވުމަށްފަހު އެވެ.

މުއްރަތާ އެކު މެރުމަށް ހުކުމްކޮށްފައިވާ އޭނާގެ ކުރީގެ ލޯބިވެރިޔާ ހަނާ ވެސް ވަނީ އޭނާ މެރުމަށް ކުރި ހުކުމް އިސްތިއުނާފުކޮށްފަ އެވެ. އޭނާ ވަނީ ދައުލަތުގެ އެހީގައި ވަކީލަކު އައްޔަން ކުރުމަށް ފުރުސަތަކަށް އެދިފަ އެވެ.

ތޫނު އެއްޗަކުން ހަމަލާދީ ނަޖީބު މަރާލި ކަމަށް މުއްރަތު ވަނީ ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެފަ އެވެ.

މުއްރަތު ބުނެފައި ވަނީ ދެހާސް ބާރަ ވަނަ އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ދުވަހުގެ ރޭ މަސްރޫރާގެއަށް ނަޖީބު ވަޑައިގަތުމުން އެގޭގައި، އޭނާ އާއި ހަނާ ދިރިއުޅޭ ބައިގައި ހުރި ގޮނޑިއެއް (އޮފީސް ޗެއާ) އެއްގައި ނަޖީބު ބައިންދާ ފޮށި ބަންދުކުރާ ޓޭޕުން ނަޖީބުގެ ދެއަތާއި ދެފައި ބަނދެ، މޫނާއި އަނގަމަތިން ވަށައި ޖެހޭ ގޮތަށް ޓޭޕްއެޅި ކަމަށެވެ.

ނަޖީބު އެގޮތަށް ގޮނޑީގައި އިންނެވި އިރު އަޑުގަދަ ކުރައްވާތީ އެކަމާ ހިތްހަމަނުޖެހިގެން ހަތަރު އިންޗި ހުންނަ ވަރުގެ ކަޅު ކުލައިގެ މުއްގަނޑުލީ ވަޅިއަކުން ނަޖީބުގެ ކަރަށް ހަމަލާދީ އޭނާ މާރާލި ކަމަށް މުއްރަތު ވަނީ ބުނެފަ އެވެ.