17 Feb 2014, 11:05
ގެއެއްގެ ތެރޭގައި މަރުވާނާ ގަހެއް ގެންގުޅުނު ކަމުގެ ތުހުމަތުގައި ޅ. ނައިފަރުން ދެ މީހުން ހައްޔަރުކޮށްފި އެވެ.
މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ދެ ފިރިހެނުން ކަމަށާއި އެއީ އުމުރުން 27 އަހަރުގެ މީހަކާއި 24 މީހެއްކަމަށް ފުލުހުން ބުންޏެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ނައިފަރު ޕޮލިސް ސްޓޭޝަނުން މިދިޔަ ހޮނިހިރު ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ނައިފަރު ހަރީޝްގެ އަށް ފުލުހުން ވަދެފައިވަނީ އެގޭގައި މަރުވާނާ ގަހެއް ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ. އަދި އެގެއަށް ވަދެ ބަލާފާސްކުރުމުގެ ތެރޭގައި އެ ގަސް ފެނިފައިވަނީ އެގެއާ އިންވެގެން ހުރި ގަބުރުސްތާނު ފާރުކައިރީގައި ކަޕް ނޫޑުލްސް ހުސްކޮށްފައި ހުރި ތަށްޓެއްގެ ތެރޭގައި ހައްދާފައި އިންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ޅ.ނައިފަރު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.
މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ދެމީހުންނަކީ މީގެކުރިން ވެސް ވައްކަމާ ފޭރުން އަދި މަސްތުވާތަކެތީގެ ގިނަ މައްސަލަތަކުގެ ރެކޯޑް އޮންނަ ދެމީހުން ކަމަށް ފުލުހުން ބުންޏެވެ.