ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ޕާޓީތަކުގެ ކެންޑިޑޭޓުންގެ ކެމްޕެއިން ކުރައްވާއިރު މަގުތައް މައްޗަށް ކުނި ނޭޅޭނެ ފަދަ ގޮތަކަށް އަމަލު ކުރުމަށް އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީން ސިޔާސީ ޕާޓީތަކަށް އަންގައިފި އެވެ.

އީޕީއޭގެ އެސިސްޓެންޓް ޑިރެކްޓާ އަހުމަދު މުރުތަލާ މިއަދު "ސަން" އަށް ވިދާޅުވީ ކެމްޕެއިނާ ދިމާކޮށް މަގުތައް މަތީގައި ކުނިތައް އިތުރުވަމުންދާތީ އެކަންތައްތައް ހުއްޓުވައި ދިނުމަށް ޕާޓީތަކަށް އަންގައިފައިވާނެ ކަމަށެވެ. އަދި ޕާޓީތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުން ވެސް އިންތިހާބުގައި ވާދަކުރައްވާތީ އެ ކަންތައްތައް ހުއްޓުވުމަށްޓަކައި އިލެކްޝަންސް ކޮމިޝަންގައި ވެސް އެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުރުތަލާ ވިދާޅުވީ އެ ގަވާއިދަށް އަމަލު ކުރަން ފެށިފަހުން މަގުމައްޗަށް ކުނިއަޅަމުން ގެންދާ ކަމުގެ ޝަކުވާތައް އެ އެޖެންސީއަށް ލިބެމުން އަންނަ ކަމަށާއި އެކަންތައްތައް ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް މިހާތަނަށް އެއްވެސް ފަރާތަކާ މެދު ފިޔަވަޅު އަޅާފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހުރަހެއް ވެސް ނެތް ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް، ނަމަވެސް މީގައި ދިމާވާ ގޮތަކީ މޮނިޓަރިންގެ ބައި އަދި އެހާ ރަނގަޅަށް ނުޖެއްސޭ، މުވައްޒަފުންގެ ދަތިކަމާ ހުރެ، ތަނަކަށް ކުނިއަޅައިގެން ރިޕޯޓް ކުރި ނަމަވެސް އެއީ ކޮން ބައެއްކަން ނޭނގޭ ގޮތަށް ރިޕޯޓް ކޮށްފައިވާނަމަ ފިޔަވަޅު އެޅުމުގައި އުނދަގޫވާނެ،"މުރުތަލާ ވިދާޅުވި އެވެ.

މުރުތަލާ ވިދާޅުވީ މަގުމައްޗަށް ކުނިއަޅާ ފަރާތްތައް ދެނެގަތުމަށްޓަކައި އެންވަޔަރަމަންޓް މިނިސްޓްރީއާ ފުލުހުން ގުޅިގެން އެންވަޔަރަމަންޓަލް ޕޮލިސް ނެރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ ގަވާއިދަށް މުޅިން އަމަލް ކުރުމަށް ދެ މަސް ނަގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ގަވާއިދަށް އަމަލު ކުރަން ފެށިއިރު ބައެއް މާއްދާތަކަށް އަމަލު ކުރުން މިވަނީ ދެ މަހަށް ފަސްކޮށްފައި، އޭގެ ތެރޭގައި އެބަ ހިމެނޭ ބައިސްކަލްތަކުގައި ކުނި އުފުލާ މީހުން ރަޖިސްޓްރީ ކުރުން، ރަޖިސްޓްރީކުރީމަ އެ މީހުންނަށް ނުދެވޭނެ ބަންދުކަމެއް ނެތި ބައިސްކަލް ވަށައި ކުނިތައް އެލުވާލައިގެން، މުރުތަލާ ވިދާޅުވި އެވެ.

ކުނި މެނޭޖްކުރުމާ ބެހޭ ގޮތުން އަލަށް އެކުލަވާލި އެ ގަވާއިދަށް އަމަލު ކުރުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލުން ވަނީ މާލޭގެ މާލޭގެ މަގުތައް މަތީގައި އުފެދޭ ކުނި އެޅުމަށް ހާއްސަކޮށްގެން މާލޭގެ އެކި ސަރަހައްދުތަކުގައި ޑަސްބިން ބަހައްޓަފަ އެވެ.

އެ ގަވާއިދުގެ ދަށުން ކުނިގޮނޑާއި ޑަސްބިން ނޫން ތަނަކަށް ކުނި އަޅައިފި ނަމަ އެ މީހަކު 100 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެ އެވެ. އަދި އިޖްތިމާއި ސަރަހައްދުތަކުގައި ޑަސްބިން ނުބަހައްޓައިފި ނަމަ އެސަރަހައްދެއް ބަލަހައްޓާ ފަރާތެއް 10،000 ރުފިޔާ އާއި 100،000 ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ވެސް ހިމެނެ އެވެ.