17 Feb 2014, 10:43
ސްޕެނިޝް ލަލީގާގައި އިއްޔެ ގެޓަފޭ އާއި ދެކޮޅަށް ކުޅުނު މެޗު 0-3 އިން ކާމިޔާބު ކޮށް ރެއާލް މެޑްރިޑް ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑާއި ޕޮއިންޓްގެ ގޮތުން ހަމަހަމަ ކޮށްފި އެވެ.
ގެޓަފޭގެ ދަނޑުގައި އިއްޔެ ކުޅުނު މެޗުގައި ރެއާލް މެޑްރިޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު މެޗުގެ ހަވަނަ މިނިޓުގައި ރެއާލްއަށް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ، ލީގު ތިން މެޗަށް ސަސްޕެންޑުކޮށްފައި ހުރި އިތުބާރު ފޯވާޑް ކްރިސްނިއާނޯ ރޮނާލްޑޯގެ ބަދަލުގައި ކުޅެން އެރުވި ޒުވާން ފޯވާޑް ޖެސީ ރޮޑްރިގޭޒް އެވެ.
މެޗުގެ ނަތީޖާ ރެއާލްއަށް ފުޅާކޮށްދިނީ، މެޗުގެ 27 ވަނަ މިނެޓުގައި ރެއާލްގެ ޑި މަރިއާ ދިން ޕާހަކުން ކަރިމް ބެންޒީމާ އެވެ. އަދި ތިންވަނަ ލަނޑު ރެއާލްއަށް ކާމިޔާބު ކޮށްދިނީ، މެޗުގެ 66 މިނެޓުގައި ލުކާ މޮޑްރިޗް ޖެހި ލަނޑުންނެވެ.
ލަލީގާއިން އެ ތިން ކްލަބަށް ވެސް 60 ޕޮއިންޓު ލިބިފައިވާ އިރު ގޯލްގެ ތަފާތުން ލީލްގެ އެއްވަނަގައި އަދިވެސް އޮތީ ބާސެލޯނާ އެވެ. 52 ގޯލާއި ބާސާ އެއްވަނައިގައި އޮތް އިރު ރެއާލް އޮތީ 44 ގޯލާއި އެކު ލީގްގެ ދެވަނައިގަ އެވެ. ތިން ވަނައިގައި އެތުލެޓިކޯ އޮތީ ރެއާލް މެޑްރިޑާއި އެންމެ ލަނޑެއްގެ ތަފާތުން ނެވެ.